17 Sep 2013, 11:14
އދ. މަޖިލިސް (ސެޕްޓެމްބަރ 17): ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ޣޫތާ ސަރަހައްދުގައި މިދިޔަ އޮގަސްޓް މަހުގެ 21ގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން އދ.ގެ ތަޙްގީގުތަކުން ކަށަވަރުވެއްޖެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވިދާޅުވެއްޖެ އެވެ.
ބާންކީ މޫން ވިދާޅުވީ ސޫރިޔާގައި ބޭނުންކޮށްފައި ވަނީ ސެރިން ގޭސްކަމަށާޣޫތާ ސަރަހައްދުގެ ބިމުން ނެގި ސާންޕަލް ތަކުންނާއި ގޭހުގެ އަސަރު ކުރި މީހުންގެ ލޭގެ ސާންޕަލްތަކުން އެސަރަހައްދަށް ސެރިން ގޭސް އެކުލެވޭ ހަތިޔާރަކުން ޙަމަލާދީފައިވާކަން ކަށަވަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ ކޮންފަރާތަކުންކަން ނޭނެގޭ ކަމަށާ އަދި އެކަން ބެލުމަކީ އދ.ގެ ތަހުގީގުތީމުގެ މަސްއޫލިއްޔަތެއް ނޫންކަމަށް ވެސް ބާންކީ މޫން ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދިމިޝްގުގެ ރައްފުށުގެ ސަރަހައްދެއްކަމަށްވާ ޣޫތާ ސަރަހައްދަށް ޙަމަލާދީފައި ވަނީ ސެރިން ގޭސް އެކުލެވޭ ވޯހެޑް ހަރުކޮށްފައިވާ ރޮކެޓުންނެވެ. މިބާވަތުގެ ރޮކެޓް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތުގައި ހުރުމުގެ ފުރްސަތުނެތް ކަމަށާ ނަމަވެސް ސޫރިޔާ ސިފައިންގެ ކެމިކަލްހަތިޔާރުގެ ސްޓޮކްގައި މިބާވަތުގެ ގިނަ އަދަދެއްގެ ރޮކެޓާއި މިސައިލް އެބަހުރިކަމަށް އެމެރިކާ ބުނެ އެވެ. އދ.ގެ ތަހުގީގާ ގުޅިގެން އެމެރިކާ ވަނީ ޣޫތާ ސަރަހައްދަށް ކެމިކަލް ހަތިޔާރުން ޙަމަލާދިނީ ސޫރިޔާ ސިފައިން ކަމަށް އަނެއްކާ ވެސް ތުހުމަތުކޮށްފަ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ސޫޒަން ރައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސޫރިޔާ ސިފައިން ޣޫތާ ސަރަހައްދަށް ދިން ކެމިކަލް ހަމަލާގައި ބޭނުންކޮށްފައި ވަނީ ސެރިން ގޭހުގެ ވަރަށް ކޮލިޓީ ރަނގަނޅު ވައްތަރެއް ކަމަށާ އެޙަމަލާދިނީ މިސައިލަކުން ނުނީ ރޮކެޓަކުންކަމުގަ އެވެ. ޣޫތާ ސަރަހައްދަށް ކެމިކަލް ޙަމަލާދިންކަމަށް ސޫރިޔާ ސަރުކާރުން އިންކާރުކުރެ އެވެ. އެހަމަލާގައި 1400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. (ބީ.ބީ.ސީ)