17 Sep 2013, 10:44
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ސަޕްލައިކުރާ އެމެރިކާގެ ބޮޑު ނެޓްވޯކެއްގެ މެންބަރެއްގެ މައްޗަށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލައިފި އެވެ.
ފިލިޕީންގެ އަންހެނެއް ކަމަށްވާ ޖެނެރޯސާ ޕަންޗޯ މަޕޫލާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 8:50 އެހާކަންހާއިރު އެމިރޭޓްގެ ފްލައިޓަކުން އޭނާ ރާއްޖެ އައިއިރު މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށެވެ.
އޭނާ ގެނައި މަސްތުވާތަކެތި ތަހުލީލު ކުރި އިރު އޭގައި 3.2 ގްރާމް ކޮކެން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު 9:00ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ދައުވާ އިއްވުމުން ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އޭނާ އެދިފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގާނޫނީ ވަކީލަކާ އެކު ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ދެވޭނެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އޭނާ އަތުލައިގެންފައި ވަނީ ދުބާއީ ޕޮލިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.