22 Nov 2010, 14:48
ޑިފެންސް މިނިސްޓްރީގެ ބަޖެޓާ ހަވާލުވެގެން ހުރި އިބްރާހިމް އަހުމަދު ހިޔާނާތްތެރިވުމުގެ ކުށުގައި ތިން އަހަރާ ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު، އިބްރާހިމް އަހުމަދަކީ ޑިފެންސް މިނިސްޓްރީގެ ބަޖެޓް ސެކްޝަންގައި އިސްކޮށް ހަވާލުވެ ހުންނަ ފަރާތެވެ. ޑިފެންސްގެ ތިޖޫރީ ހުންނަނީ ވެސް އޭނާގެ ބެލުމުގެ ދަށުގަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އިބްރާހިމް އަހުމަދުގެ ބެލުމުގެ ދަށުގައިވާ ދިފާއީ ވުޒާރާގެ ތިޖޫރީން އޭނާ 5821.9ރ. ނަގައި ހިޔާނާތް ވެފައިވާ ކަމަށް ޝަރީއަތުގައި އަމިއްލައަށް އިއުތިރާފު ވެފައިވާ ކަމަށެވެ.
އިބްރާހިމް އަހުމަދު ދައުލަތުގެ ފައިސާއަށް ހިޔާނާތް ވެގެން ތިން އަހަރާ ހަ މަސް ދުވަހަށް އަރުވާލަން ހުކުމް ކުރީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެއީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 143 ވަނަ މާއްދާއާއި 146 ވަނަ މާއްދާގެ ދަށުންނެވެ.