17 Sep 2013, 10:36
އެމެރިކާގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި މައިކްރޯސޮފްޓްގެ ކޯ ފައުންޑަރު އަދި ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބާރުގަދަ މީހާ ބިލް ގޭޓްސް ހުންނަތާ ވިދިވިދިގެން 20 އަހަރު ވެއްޖެ އެވެ.
އެމެރިކާގެ ވިޔަފާރީގެ ހަބަރު ގެނެސްދޭ ހަފްތާ މަޖައްލާއެއް ކަމަށްވާ ފޯބްސްއިން މިއަދު ނެރުނު، މިއަހަރު އެމެރިކާގެ އެންމެ ތަނަވަސް 400 މީހުންގެ ލިސްޓުގެ ތެރެއިން ބިލް ގޭޓް އެމެރިކާގެ އެންމެ ތަނަވަސް މީހާގެ މަގާމް ހޯދާފައި ވަނީ 72 ބިލިއަން ޔޫއެސް ޑޮލަރާއި އެކުގަ އެވެ.
މި އަދަދަކީ ބިލް ޖޭޓްސް މިދިއަ އަހަރު ހޯދި އަދަދަށް ވުރެ ހަ ބިލިއަން ޑޮލަރު އިތުރު އަދަދަކަށްވާ އިރު އޭނާވަނީ ދުނިޔޭގެ އެންމެ މުސްއަނދި މީހާގެ މަގާމުގައި ޖެހިޖެހިގެން ހަތަރު އަހަރު ހުރި މެކްސިކޯގެ ބިލިއަނަރު ކާލޯސް ސްލިމްގެ މުއްސަނދިކަމާ އެއް ބިލިއަނަށް ކައިރިއަށް ޖެހިލާފަ އެވެ.
ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ ގިނައިން މަހުޖަނުން ތިބި އެމެރިކާގެ އެންމެ ތަނަވަސް މީހާގެ މަގާމު ބިލް ގޭޓްސް އަށް ލިބިފައިވާ އިރު ދެވަނަ ހޯދާފައި ވަނީ 58.5 ބިލިއަން ޑޮލަރާއި އެކު އެމެރިކާ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ބޭކްޝާ ހަތަވޭގެ އިސްވެރިޔާ އަދި އެ މަގާމް މިދިޔަ އަހަރު ވެސް ހޯދާފައިވާ ވަރަން ބުފެޓް އެވެ. އަދި ތިންވަނަ ލިބިފައި ވަނީ އެމެރިކާގެ ކޮންޕިއުޓަރު ޓެކްނޮލޮޖީ ކޯޕަރޭޝަނެއްކަމަށްވާ އޮރަކަލްގެ ސީއީއޯ ލެރީ އެލިސަން އަށެވެ. އޭނާ އަށް ތިންވަނަ މަގާމް ލިބިފައި ވަނީ 41 ބިލިއަން ޑޮލަރާއި އެކުގަ އެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ މީހުންގެ ލިސްޓުގެ 25 ވަނައިގައި ހިމެނޭ އަދި ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ 66 ވަނައިގައި އޮތް ފޭސްބުކްގެ ސީއީއޯ އުމުރުން 29 އަހަރުގެ މަޝްހޫރު މާކް ސަކަބާގް ހިމެނިފައި ވަނީ 19 ބިލިއަން ޑޮލަރާއި އެކު ލިސްޓުގެ 20 ވަނަ މަގާމުގަ އެވެ. އަދި ފޭސްބުކުގެ ކޯ ފައުންޑަރު ޑަސްޓިން މޮސްކޮވިޓްސް ހިމެނިފައި ވަނީ 5.2 ބިލިއަން ޑޮލަރާ އެކު 85 ވަނައިގަ އެވެ. ސަކަބާގް އާއި ޑަސްޓިން އަކީ މި ލިސްޓުގައި ހިމެނޭ އެންމެ ޒުވާން ދެމީހުންނެވެ.
ފޯބްސްއިން ބުނާ ގޮތުން މިދިއަހަރުގެ ލިސްޓުގައި ހިމެނޭ 28 މީހުން މިއަހަރުގެ ލިސްޓުން ކަޓާފައިވާ އިރު އަލަށް އެލިސްޓަށް 20 މީހުން ވަނީ ހިމެނިފަ އެވެ. އަދި މިއަހަރުގެ ލިސްޓުގައި ހިމެނޭ 273 މީހުންނަކީ އަމިއްލަ މަސައްކަތުން މުއްސަނދިވެފައިވާ މީހުން ކަމަށާއި 71 މީހުންނަކީ މަރުވެފައިވާ މީހެއްގެ އަތުން ވާރުތަކޮށްފައިވާ މުދަލުން މުއްސަނދިވެފައިވާ މީހުން ކަމަށެވެ.