17 Sep 2013, 10:27
މިސް އެމެރިކާގެ މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރި އިންޑިއާ ދަރިފަސްކޮޅުގެ މީހަކަށް، މިސް ނިއު ޔޯކުގެ މަގާމުވެސް ހޯދާފައިވާ ނީނާ ދަވުލުރީ ހޮވިއްޖެ އެވެ.
މިސް އެމެރިކާގެ ރަސްމީ ސައިޓުގައިވާ ގޮތުން 2014 ވަނަ އަހަރުގެ މިސް އެމެރިކާ އަކަށް ނީނާ ހޮވިފައި ވަނީ- މިސް އެމެރިކާގެ މުބާރާތެއް 1921 ވަނަ އަހަރު ބޭއްވި އެޓްލާންޓިކް ސިޓީގެ ބޯޑް ވޯކް ހޯލުގައި އޮތް ރަސްމިއްޔާތެއްގައި، އޭނާ ދައްކައިދިން އިންޑިއާގެ ސަގާފީ ނެށުމެއްގެ ސަބަބުންނެވެ. މި މަގާމާއި އެކު ނީނާއަށް ވަނީ ޖޯސެފް ރިބްކް އޮފް އިންކޯޕަރޭޝަންއާއި މިސް އެމެރިކާ އޯގަނައިޒޭޝަންގެ ފަރާތުން ކިޔެވުމަށް 50،000 ޑޮލަރުގެ ސްކޮލޮޝިޕެއް ދީފަ އެވެ.
މީގެ އިތުރުން ނީނާ އަށްވަނީ އެމެރިކާގައި ހުންނަ ކުޑަކުދިންނަށް އަޅާލާ ޗިއަރެންސް މިރަކަލް ނެޓްވޯކް ހޮސްޕިޓަލުގެ އޮފިޝަލް ނެޝަނަލް ގުޑްވިލް އެމްބެސަޑަރު ކަމާއި ތިން ކުންފުންޏެއްގެ ސްޕޯކްސް ޕާސަންގެ މަގާމުވެސް ލިބިފަ އެވެ.
ނީނާ އާއި އެކު އިތުރު ދެ ފަރާތަކަށްވަނީ ރަނަރަޕްކަން ވެސް ލިބިފައެވެ. އެގޮތުން ފުރަތަމަ ރަނަރަޕްކަން މިސް ކެލިފޯނިއާގެ މަގާމް ހޯދާފައިވާ ކްރިސްޓަލް ލީ އަށް ލިބިފައިވާ އިރު ދެވަނަ ރަނަރަޕްކަން ހޯދާފައި ވަނީ މިސް މިސް އޮކްލަހޮމާގެ ކެލްސޭ ގްރިސްވޯލްޑް އަށެވެ. މީގެ އިތުރުން މިސް ކެންސަސް، ޓެރެސާ ވެއިލްވަނީ މިސް އެމެރިކާގެ ބައިވެރިންނަށް ވޯޓު ލުމަށް ހުޅުވާލި އޮންލައިން މުބާރާތުން އެއްވަނަ ހޯދާފަ އެވެ.
އިންޑިއާ ދަރިފަސްކޮޅުގެ ނީނާ އަށް އެމެރިކާގެ ރީތީގެ ރާނީގެ މަގާމު ލިބުމާއި އެކު އޭނާއަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ ކުރިމަތި ވަމުންނެވެ. އެގޮތުން ޓްވިޓާ މެދުވެރިކޮށް ބައެއް މީހުންވަނީ ވަނީ މިސް އެމެރިކާގެ މަގާމް ލިބެންޖެހޭނީ އެމެރިކާގެ ރައްޔިތެއް ކަމަށްބުނެފަ އެވެ. އަނެއްބައި މީހުންވަނީ މިއީ އަލްގައިދާގެ މުބާރާތެއް ކަމަށް ސިފަ ކޮށްފަ އެވެ.