އާބާދީގައި 1370 މީހުން ތިބި، ތ. ކިނބިދޫއަށް ކަރަންޓްދިނުމަށް ކުރިން ރަނގަޅު ހަތަރު ޖަނަރޭޓަރު ހުށްޓެވެ. އެއަދަދަކީ އެރަށަށް ފުދޭ އަދަދެކެވެ. ނަމަވެސް ރާއްޖޭގެ ގިނަ އެހެން ރަށްތަކެކޭ އެއްގޮތަށް އެރަށުގައި ވެސް މިހާރު ރަނގަޅަށް ހިންގޭ ޖަނަރޭޓަރެއް ނެތެވެ.

ކިނބިދޫ ރަށުކައުންސިލްގެ ރައީސް މުހައްމަދު ނަސީމު ވިދާޅުވީ އެންމެ ފަހު ޖަނަރޭޓަރު ވެސް މިހާރު ހުރީ ގިނައިރު ހިންގާފައި ބެހެއްޓޭ ހާލަތެއްގައި ނޫން ކަމަށެވެ. އެހެންވެ، 15 މިނެޓް ކަރަންޓް ދިނުމަށް ފަހު، 15 މިނެޓަށް ކަރަންޓް ކަނޑާލާ އުސޫލު އޮންނަތާ ހަތަރު ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހަތަރު ދުވަސް މިވަނީ މިހާލެއްގައި، ކޮންމެ ރެއަކު ވެސް މިވާ ގޮތަކީ 15 މިނެޓް ކަރަންޓް ލިބިފައި، އަނެއް 15 މިނެޓް މިއޮންނަނީ ކަރަންޓް ކެނޑިފައި،" ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވާލުގެ ވަގުތުތަކުގައި ކަރަންޓް ދެނީ ރަށުގައި ހުރި އެންމެ މުހިއްމު ތަންތަނަށް އެކަނި ކަމަށެވެ. އެގޮތުން މިއަދު ކަރަންޓްދީފައި ހުރީ ހެލްތުސެންޓަރާއި ސްކޫލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ކަރަންޓް ދީފައި ހުރީ ސްކޫލަށާއި ހެލްތު ސެންޓަރަށް، ރަށު ކައުންސިލް އިދާރާގައި ވެސް ކަރަންޓެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ކަރަންޓް ކެނޑޭލެއް އަވަސްވެފައި ގިނަ ކަމުން ރަށުގެ ރައްޔިތުން ގެންގުޅޭ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ހަލާކުވެފައިވާ ކަމަށް ނަސީމު ވިދާޅުވި އެވެ.

"ވަރަށް ގިނަ އިލެކްޓްރޯނިކް ސާމާނު ހަލާކުވެއްޖެ، ގޭގޭގެއާއި ފިހާރަތަކުގެ އައިސް އަލަމާރިތަކުގައި ހުރި ކާބޯތަކެތި ވެސް ވަނީ ހަލާކުވެފައި،" އޭނާ ވިދާޅުވި އެވެ.

ކިނބިދޫގައި ހުރި ޖަނަރޭޓަރުތައް މަރާމާތު ނުކުރެވި ހުއްޓެމުން އައިސް މީގެ ހަތަރު ދުވަސް ކުރިން ހުރީ އެންމެ ދެޖަނަރޭޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ހަތަރު ދުވަސް ކުރިއާ ހަމައަށް 150 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 100 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ހިންގުނު، އެހެން ހުއްޓައި 150 ވޯޓްގެ ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވީ، ދެން އަނެއްކާ 100 ކިލޯވޯޓްގެ ޖަނަރޭޓަރުގެ ފިއުލް ޕަމްޕް ހަލާކުވީ." ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 150 ކިލޯވޯޓްގެ ޖަނަރޭޓަރާއި 100 ކިލޯ ވޯޓްގެ ޖަނަރޭޓަރަކީ އެއް ބްރޭންޑެއްގެ ދެ ޖަނަރޭޓަރު ކަމަށެވެ. އެހެންވެ، 150 ކިލޯވޯޓްގެ ޖަނަރޭޓަރުގެ ފިއުލް ޕަމްޕް މިހާރު 100 ކިލޯވޯޓްގެ ޖަނަރޭޓަރަށް ލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިނބިދޫގެ ކަރަންޓްގެ ހާލަތު މިހާ ގޯސްވެފައިވާ އިރު ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުގެ ހަބަރެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ދެރައީ މިހިސާބަށް ކަންތައް ދިޔަ އިރު ފެނަކަ ކޯޕަރޭޝަނުގެ ހަބަރެއް ނުވާތީ، އެބޭފުޅުން ދެއްވާފައި ހުރި ނަމްބަރު ތަކުން ކުރިން ގުޅޭ، އެކަމަކު މިހާރު ނުވެސް ގުޅޭ، އިންޖީނުގެ މެނޭޖަރު އޭނާއަށް ކުރެވެން ހުރި މަސައްކަތްތައް އެބަ ކުރޭ." ނަސީމު ވިދާޅުވި އެވެ.

ކިނބިދޫއަށް ދިމާވެފައިވާ މިމައްސަލައަކީ ރާއްޖޭގެ އާބާދީ ބޮޑު ނޫން ގިނަ ރަށްތަކަކަށް މިހާރު ދިމާވެފައިވާ މައްސަލައެކެވެ.