ސުވަންސީ ސިޓީއާ ދެކޮޅަށް ރޭ ލިވަޕޫލް ކުޅުނު މެޗު 2-2 އިން އެއްވަރުވެ އިނގިރޭސި ލީގު ތާވަލްގެ އެއްވަނަ މަގާމް ލިވަޕޫލް ހޯދައިފިއ އެވެ.

ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ހަތަރު މެޗު މިހާތަނަށް ކުޅުނު އިރު އެއްވެސް މެޗަކުން ބަލިނުވެ އޮތީ ލިވަޕޫލް އާއި އެވަޓަން އެވެ. ތާވަލްގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ނުވަ ޕޮއިންޓާއެކު ދެވަނައިގައި އާސެނަލް އަދި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ޓޮޓެންހަމް އޮތްއިރު މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، ސްޓޯކް އަދި ނިއުކާސަލްމ، މިއިން ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރޭގެ މެޗުން އެއްވަރުވެ ޖުމްލަ ހަތަރު ޕޮއިންޓާއެކު ސްވަންސީ އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

ސުވަންސީގެ ލިބަޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެޓީމްވަނީ މެޗުފެށިތާ ދެވަނަ މިނިޓު ތެރޭގައި ލިވަޕޫލްގެ ގޯލް ހުޅުވާލާފަ އެވެ. ލިވަޕޫލްގެ އޭރިޔާ ތެރެއަށް ސަންޗޭލް އެންރިކް ނަގައިދިން ރީތި ހުރަހެއް ވާތުފައިން ޖަހައި ލިވަޕޫލްގެ ގޯލްތެރެއަށް ފޮނުވައިލީ އެޓީމުހެ ކުރީގެ ތަރި ޖޮންޖޯ ޝެލްވީ އެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ސުވަންސީގެ ކީޕަރު މައިކަލް ވޯމްއަށް ޝެލްވީ ދިން ބެކްޕާހެއްގެ ފައިދާ ނަގައި ލިވަޕޫލްގެ އިންގްލެންޑް ފޯވަޑް ޑެނީލް ސްޓްރިޖް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް މެޗުގެ ކުރި ހޯދައިދިނީ މިސީޒަންގައި ޗެލްސީއިން ލޯނުގެ ދަށުން އެޓީމަށް ބަދަލުވި ނައިޖީރިއާ މިޑްފީލްޑަރު ވިކްޓާ މޮސެސް އެވެ. މިއީ އޭނާ ލިވަޕޫލަށް ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ފަހަތުން އަރައި ލިވަޕޫލް ކުރި ހޯދާފައިވަނިކޮށް ސްވަންސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 64 ވަނަ މިނިޓުގައި އެޓީމުގެ ސްޕެނިޝް ފޯވަޑް މިގުއެލް މިޗޫ އެވެ.

ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ލިވަޕޫލުން ސުވަންސީ ކޮޅަށް 12 ހަމަލާ ފޮނުވާލި އިރު ސުވަންސީން ވަނީ ލިވަޕޫލް ކޮޅަށް 17 ހަމަލާ އުފައްދާފަ އެވެ.

ރޭގެ މެޗަށްފަހު ސުވަންސީގެ ކޯޗް މިކައިލް ލައުޑްރަޕް ބުނީ ނަތީޖާ ހަމަހަމަވީ ނަމަވެސް އޭނާގެ ޓީމުން ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި އަދި ދެވަނަ ހާފްގައި ތަންކޮޅެއް ރަނގަޅު ކުޅުމެއް ދެއްކުނުނަ ނަތީޖާ ބަދަލު ކޮށްލުމުގެ ފުރުސަތުވެސް ލިބުނީސް ކަމަށެވެ.

ލިވަޕޫލް ކޯޗް ބްރެންޑަން ރޮޖާސް ބުނީ، މެޗުގެ 65 ވަނަ މިނިޓާ ހަމައަށް އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެހެން ނަމަވެސް ސުވަންސީގެ ދެވަނަ ލަނޑާއެކު ފަހު 25 މިނިޓުގައި ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

ރޮޖާސް އިތުރަށް ބުނީ، ސީޒަންގެ ކުރިއަށް އޮތްތާނގައި ރަނގަޅު ނަތީޖާ ތަކެއް ނެރެވިދާނެކަން އެޓީމުން މިހާރު ދައްކަމުން އަންނަ ކުޅުމުން އެނގޭ ކަމަށެވެ.