ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ އަޑު އުފުލާދޭނެ ކަމަށް ބުނެ ބޮޑެތި ވައުދުތަކެއްވުމަށް ފަހު ރައްޔިތުންގެ މަންދޫބުންނަށްވާ ބައެކެވެ. އެހެން ވައުދުތައްވެ، ރައްޔިތުންގެ މަޖިލީގުގައި ގޮނޑި ހޯއްދަވާ މެމްބަރުންގެ ތެރެއިން އެ ވަދުދުތައް މިހާތަނަށް ފުއްދަވަމުން ގެންދެވީ ކިތައް މެމްބަރުންތޯ ވިސްނާލެއްވީމުތޯ އެވެ. ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލާދޭނެ ކަމުގެ އުއްމީދުގައި އިންތިހާބް ކުރި މަންދޫބުންނަކީ އެ ރައްޔިތުންގެ އުއްމީދުތަކާއި އިތުބާރު ފުޑުފުޑު ކޮށްލާ ބަޔަކަށް ވެގެންދާ ކަމަކީ މިއަދު ފުންކޮށް ވިސްނާލަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

މަޖިލީހުގެ ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ވަނީ ރައްޔިތުން ތާއީދު ކުރާ ފިކުރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން ނެވެ. އެހެން ކަމުގައިވާ އިރު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް ފަހު އަމިއްލަ މަސްލަހަތާ އެއްގޮތަށް ނުވަތަ ޕާޓީގެ ކައުންސިލްގެ މެޖޯރިޓީއާ އެއްގޮތަށް ރައްޔިތުންގެ މޫނުގައި ތަފާއްޔަކުން ޖަހައިފައި ކޮޅު ބަދަލުކުރައްވަމުން ގެންދަވާ މެމްބަރުންނާ މެދު ނާއުއްމީދުގެ ވެފައިވާ ރައްޔިތުން އަލުން އެ މެމްބަރުންނަށް އާ އެކޭ ބުނުމުގެ ކުރިން ވިސްނާލަން ޖެހޭ އެތައް ކަމެއްވެ އެވެ.

ރައްޔިތުންގެ ވިންދާ އެއްގޮތަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު މިހާތަނަށް ކޮޅު ބަދަލުކުރައްވާފައިވާ މެމްބަރުންގެ އަދަދު ގުނާ އަދަދު ކުރެވޭ ވަރަށް ވުރެ އިތުރުވެފައިވާ ކަމަށް ބުނުމަކީ ގޯހަކަށް ވެދާނެބާ އެވެ. މިކަން ހުއްޓުވޭނެ ގޮތެއް ގާނޫނަކުން ބަޔާންކޮށްފައިނުވާ އިރު ހަމަ ގައިމު މެމްބަރުންގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން އެކަމާ ދެކޮޅަށް އަޑު އުފުލާ ރައްޔިތުން މިއަދު ނެތޭ ނުބުނެވޭނެ އެވެ.

މަޖިލީހުގެ ގޮނޑިއަށް ރައްޔިތުން އިންތިހާބު ކުރާ ބައެއް މެމްބަރުންނަކީ އެ މެމްބަރުން ވެވަޑައިގެންނަވާ ވައުދުތަކާ ސީދާ ހިލާފަށް އަމަލާއި ބަސް ގެންގުޅުއްވާ މެމްބަރުންނެވެ. އެކަން މި މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ވެސް ވަނީ ފެނިފަ އެވެ. ދެވަނަ ބުރަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ޑީއާރުޕީގެ ކައުންސިލްގެ އަދި ޕާލިމަންޓްރީ ގްރޫޕްގެ ހަ މެމްބަރުން ކުރެއްވި ތާއީދުން ވެސް އޭގެ ވަރަށް ފުރިހަމަ މިސާލެއް ވަނީ ދައްކުވައިދީފި އެވެ.

ޑީއާރުޕީއަކީ ކަނޑައެޅިގެން އެމްޑީޕީގެ ވިސްނުމާއި ސިޔާސަތުތަކާ ސީދާ ދެކޮޅަށް އުފެދިގެން އައި ޕާޓީއަކަށްވާ އިރު ޑީއާރުޕީގެ ކައުންސިލުން އެގޮތަށް ނިންމީ ޕާލިމަންޓްރީ ގްރޫޕްގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެކަމުން ވެސް މެމްބަރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ މިންވަރު ދައްކުވައިދިނެވެ. އަނެއް ކޮޅުން އެ މެމްބަރުން ދައްކާ ވާހަކަތަކާއި އަމަލާ ދިމާނުވާކަން ވެސް ޑީއާރްޕީގެ އެ ފިޔަވަޅުން ރީތިކޮށް ފެނެ އެވެ.

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގައި މުހިއްމު ކަމަކަށް ބެއްލެވި ކަމަށެވެ. އެގޮތުން ބަދަލުހިފުމުގެ ރޫހު އެންމެ ކުޑަވާނީ ކޮން ކެންޑިޑޭޓެއްތޯ ބެއްލެވި ކަމަށެވެ. އެއީ އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާ މެދު "ޝައްކެތް ނެތް" ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެދާއިރާގެ ރައްޔިތުން ތިބީ އެގޮތަށްތޯ އެ ދާއިރާގެ ބައެއް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ރައްޔިތުންގެ މަޖިލިސްގައި ތިއްބެވި ޑީއާރުޕީގެ ބައެއް މެމްބަރުން ނިސްބަތްވެވަޑައިގެންނަވާ ދާއިރާތަކުގެ ބައެއް ރަށްރަށުގެ ރައްޔިތުން ވަނީ އެ ނިންމުމާ ގުޅިގެން އެކަމާ ވަރަށް ބޮޑަށް މާޔޫސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކުން ރަށްރަށުގެ ޑީއާރުޕީގެ ރައްޔިތުން ތިބީ އެ ނިމުންތަކާ ސީދާ ދެކޮޅަށް ކަމަށް އެ ރަށްރަށުގެ ރައްޔިތުން ގެންދަނީ ބުނަމުންނެވެ. އަނެއް ބަޔަކު ޕާޓީގެ ނިންމުމާ މެދު އެއްޗެއް ބުނަން ބޭނުންނުވާ އިރު އެމީހުން ދެން ތާއީދުކުރާނީ ކޮން ބަޔަކަށް ކަން ވެސް ނުނިންމަ އެވެ.

ތަސްމީން އަލީ ނިސްބަތްވެވަޑައިގެންނަވާ ކެންދޫ ދާއިރާގެ ކެންދޫ ޑީއާރުޕީގެ ގޮފީހުގެ ރައީސް އަބްދުއްސަމަދު މުހައްމަދު ވިދާޅުވީ އެ ދާއިރާގެ ރައްޔިތުން ތެރޭގައި ތަސްމީންގެ އެ ނިންމެވުމާ މެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދުނު ކަމަށެވެ. އެހެން ނަމަވެސް ޑީއާރުޕީގެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެންދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރުން ނިންމާނީ އެ ރައްޔިތުންގެ އަމިއްލަ ނިމުމެއް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅު ޕާޓީއެއްގެ މެމްބަރުން ރައްޔިތުން އިންތިހާބު ކުރަނީ ރައްޔިތުންގެ ތާއީދުން ގެންނަ ސަރުކާރެއް ޒިންމާދާރު ކުރުމުގެ ބޭނުމުގަ އެވެ. ނުވަތަ ރައްޔިތުންނާއި ރަށްރަށުގެ ތަރައްގީއަށް އެ ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލުމަށެވެ. އެކަން ކުރަނީ ސީދާ ރައްޔިތުންނެވެ. މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމުގައި އަގުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް އޮންނަ ގޮތަށް ނުވަތަ ސަރުކާރަށް އަގުލަބިއްޔަތު އޮންނަ ގޮތަށް ނިންމަނީ ވެސް ރައްޔިތުންނެވެ. ނަމަވެސް ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެ މެމްބަރުންގެ ޕާޓީ ނުވަތަ ފިކުރު އެ މެމްބަރެއްގެ އަމިއްލަ މަސްލަހަތަށް ޓަކައި ގައުމުގެ މަސްލަހަތަށް ޓަކައި ކަމަށް ވިދާޅުވެ ބަދަކުރުމަކީ މިއަދު ރައްޔިތުން ބަލައި ގަންނަ ކަމަކަށް ނުވެ އެވެ.

ކެލާ ދާއިރާގެ ކޭލާގެ ޑީއާރުޕީ ގޮޕީގެ ރައީސް އަބްދުއްސަމަދު ވިދާޅުވި ގޮތުގައި އެ ރަށުގެ ޑީއާރުޕީ މެމްބަރުން ތިބީ އެ ދާއިރާގެ މެމްބަރު އަބްދުﷲ މައުސޫމްގެ އެ ނިންމެވުމާ މެދު ހިތްހަމަނުޖެހިފައި ކަމަށެވެ.

"ރަށުގައި ތިބި ޑީއާރުޕީގެ ގިނަ މެމްބަރުން ތާއީދު ދެވަނަ ބުރުގައި އޮތީ ޕީޕީއެމަށް ކަމަށް ދާއިރާގެ މެމްބަރަށް (ޑރ. މައުސޫމަށް) ވާނީ ދަންނަވާފައި،" އޭނާ ވިދާޅުވި އެވެ.

ބައެއް ރަށްރަށުން ވާހަކަ ދެއްކި ޑީއާރުޕީގެ މެމްބަރުން ބުނީ އެ ދާއިރާތަކުގެ މެމްބަރުން އެ ރަށްރަށަށް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ފިކުރާ ދެކޮޅަށް ނިންމެވި ނިންމުމަކީ "ވިކުން" ކަމުގައި ގަބޫލްކުރާ ކަމަށެވެ.

މަޖިލީހުގެ ގޮނޑިއަށް ރައްޔިތުން މެމްބަރުން އިންތިހާބު ކުރަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ނުވަތަ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް ބައެއް މެމްބަރުން ބައެއް ހާލާތްތަކުގައި ޕާޓީގެ ކޮޅު ނުވަތަ ފިކުރު ބަދަލުކުރުމާ އެކު އެމެމްބަރުން ވިކުނީ ކަމަށް މީގެ ކުރިން ވެސް ވާހަކަތައް ދެކެވުނެވެ. އެއީ މަދުންވާ ކަމެއް ނޫނެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ނިކުތުމަށް ފަހު ރައްޔިތުންގެ އިތުބާރު ސިޔާސީ ޕާޓީތަކަށް ނުއަގުގައި ވިއްކާލުމަކީ މަދު ބަޔަކު ނޫނީ ކަންބޮޑުވާނެ ކަމެކެވެ.

ޑީއާރުޕީގެ ނިންމުމާ ދެކޮޅު ތާއީދުކުރެއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު (އުސްތާޒު އަހުމަދު) ވިދާޅުވީ އޭނާ ދައުރު ހަމަކުރައްވާނީ ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. ހޮވުނު އެ ޕާޓީގައި ދެމިހުރުން މަޖުބޫރު ކަމަށެވެ. އޭނާ ވިދާޅުވީ އެ ނިންމުން ބަދަލުކޮށްފި ނަމަ "އެއީ ނައިފަރު ދާއިރާގެ މެންބަރުނަށް ވެފައިވާ ވައުދާއި އަހުދަށް ހިޔާނަތްތެރި ނުވުން" ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ތާއިދުކުރަން ޑީއާރުޕީން ނިންމި ނިންމުމާ ހިލާފަށް ޕީޕީއެމް އަށް ތާއީދު ކުރަން އޭނާ ވަނީ ނިންމަވައިފަ އެވެ.

ރައްޔިތުންގެ ތެރޭގައި ވަކި ސިޔާސީ ފިކުރަކަށް ތާއީދު ނުކުރާ މީހުންނާއި އެކިއެކި ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން ހިމެނޭ އިރު މަޖިލީހުގެ ގޮނޑިތަކަށް ވެސް ކުރިމަތި ލައްވަނީ ތަފާތު ފިކުރުތަކުގެ މެމްބަރުންނެވެ. ނަމަވެސް މެމްބަރުންގެ ސިޔާސީ ޕާޓީތައް ބަދަލުކުރައްވަމުން ޖައްސަވަމުން ގެންދަވާ "ސަކަރާތުގެ" ހަގީގަތް އެނގެނީ އޭގެތެރެއިން ވަރަށް މަދު ބަޔަކަށެވެ. ދެވަނަ ފަހަރަށް އެ މެމްބަރުން ހަމަ އެގޮޑިތަކަށް އިންތިހާބު ކުރުމަށް ރައްޔިތުން ދެމުން ގެންދާ ތާއީދުން އެކަން ހާމަވެގެން ދެ އެވެ.

މެމްބަރުކަމުގެ ގޮނޑި ކާމިޔާބު ކުރައްވަނީ ޕާޓީތަކުގެ ޓިކެޓުގައި ނިކުމެ ވަޑައިގެން އެޕާޓީތަކަށް ތާއީދުކުރާ ރައްޔިތުންގެ އިތުބާރާ އެކު ފޮނި ހުވަފެންތައް ދައްކަވަމުންނެވެ. ހަމަ އެ މެމްބަރުން ރައްޔިތުންނާ މެދު ވިސްނާލުމެއް ނެތި ކޮޅު ބަދަލުކުރުމުގެ ސަގާފަތް މިހާރު މިވަނީ ހައްދުފަހަނަ އަޅައި ގޮސްފަ އެވެ. އޭގެ ތެރެއިން ގިނަ މެމްބަރުންނާ މެދު ދާއިރާތަކުގެ ރައްޔިތުން އުއްމީދު ކަނޑާލައިފައިވާ އިރު މެމްބަރުންގެ ނިންމުމަށް ތާއީދު ކުރާ ރައްޔިތުން ވެސް އެބަތިއްބެވެ. ސުވާލަކީ ރައްޔިތުންގެ މަންދޫބުން ހަގީގަތުގައި ވެސް ދައުރު ހަމަކުރަނީ އެ ރައްޔިތުންގެ ނުވަތަ އެ ދާއިރާތަކުގެ ތަރައްގީއަށް ޓަކައިތޯ އެވެ. އަދި އެރައްޔިތުންގެ ހަވާލުކުރާ ޒިންމާ މެމްބަރުން އަދާކުރޭތޯ އެވެ. ނުކުރައްވާ ނަމަ އެކަމުގެ "އަދަބު ދިނުމަކީ" ވެސް ހަމަ ރައްޔިތުންގެ ހައްގެކެވެ.