17 Sep 2013, 09:56
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ މެމްބަރު ކަމުން ދުރުކޮށްފައިވާ އެ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަށް މުސާރަ ނުދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާ އަރުވައިފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ ފަހުމީ އަށް މުސާރަ ނުދިނުމަށް ލަފާއަރުވާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ލަފާއެރުވީ ސީއެސްސީ އިން ލަފަޔަކަށް އެދުމުން ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ލަފަޔަކަށް އެދުމުން ލަފާދީފައި ވާނީ އެއީ އޮޅުންގަނޑެއްގެ ތެރޭގައި އުޅޭކަމެކޭ އެހެންކަމުން އޭގައި އެންމެ ރަނގަޅު ގޮތަކީ މުސާރަ ހިފެހެއްޓުމޭ، އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، ފަހުން އެމުސާރަ ދޭން ކަނޑައަޅައިފި ނަމަ ދޭނިއްޔޭ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަހުމީގެ މައްސަލައަކީ "އޮޅުންގަނޑެއްގެ" ތެރޭގައިވާ މައްސަލައަކަށް ވުމުން އެންމެ ރަނގަޅު ގޮތަކީ މުސާރަ ހިފެހެއްޓުން ކަމަށެވެ. އަދި މީގެ ކުރިން ވެސް ދައުލަތުން އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލްގެ ލަފާގެ މަތިން އަދި ފަހުމީގެ މުސާރަ ހިފަހައްޓާފައިވޭތޯ ނުވަތަ ނުވޭތޯ ސީއެސްސީ އާއި "ސަން" އިން ސުވާލުކުރުމުން އަދި އެކޮމިޝަނުން އެކަމަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ފަހުމީ އަށް އެކޮމިޝަނަށް ވަދެވަޑައިގެންނެވުމަށް ދީފައިވާ އެކްސެސް ކޯޑް ވެސް މިހާރު ވަނީ ކެންސަލްކޮފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަންގެ މެމްބަރަކު ކަމުން ފަހުމީ ވަކިކޮށްފައި ވަނީ އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީ އަލުން އޮފީހަށް ނިކުންނަވަން ފެއްޓެވީ ރައީސް އޮފީހުން އެނގުމާ ގުޅިގެންނެވެ.
އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް މަޖިލީހުން މިހާރު ހަމަޖައްސަވާފައިވާ ޑރ. މުހައްމަދު ލަތީފު ވަނީ ފަހުމީގެ މައްސަލަ ވަކި ގޮތަކަށް ނިންމަވައި ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ފަހުމީގެ ބަދަލުގައި މ. އުނިމާގެ ފާތިމަތު ރީނީ އައްބުއްސައްތާރު ވަނީ ކޮމިޝަނަށް ހަމަޖައްސަވައިފަ އެވެ. ނަމަވެސް މިހާތަނަށް ރީނީ ވެސް އޮފީހަށް ނުކުންނަވާފައެއް ނުވެ އެވެ. އަދި އޭނާ އެމަގާމުގެ ހުވާ ކުރައްވައިފައެއް ވެސް ނުވެ އެވެ.