17 Sep 2013, 09:22
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭރުގެ ނުފޫޒު ގަދަ ކުންފުންޏެއްގެ އިގްތިސޯދީ އަޅަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު އަދި ޑީއާރްޕީގެ ކައުންސިލް މެންބަރު އަހްމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަންޑޭ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ހޯދުމުގެ ބަދަލުގައި ބޮޑު އިންޓަރެސްޓާ އެކު "ބޭރުގެ ނުފޫޒު ގަދަ ކުންފުންޏެއްގެ އިގްތިސޯދީ އަޅަކަށް" ރާއްޖެ ހެދުމަށް ނަޝީދު މަސައްކަތް ކުރެއްވި ކަމަށެވެ.
"ރައީސް ނަޝީދު ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ހޯދުމުގެ ބަދަލުގައި ބޮޑެތި އިންޓްރެސްޓާ އެކު ކުރު މުއްދަތުން އަނބުރާ ފައިސާ ދައްކާގޮތަށް ބޭރުގެ ނުފޫޒު ގަދަ ކުންފުންޏެއްގެ އިގްތިސޯދީ އަޅަކަށް ދިވެހި ރާއްޖެ ހެދުމަށް ވަނީ މަސައްކަތް ކޮށްފައި،" އަންޑޭ ވިދާޅުވި އެވެ.
ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި އިކޮނަމިކް މިނިސްޓަރު ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ނިޒާމްގައި ތިއްބެވި ޑޮކްޓަރުންގެ އަދަދަށް ވުރެ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި އިރު ޚިދުމަތުގައި ތިއްބެވި ޑޮކްޓަރުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ނަޝީދު ވެރިކަން ދޫކޮށްލެއްވި އިރު ޖީސީއީ އޯލެވެލްގައި ސްކޫލްތައް މެދުވެރިވެގެން ބައިވެރިވާ ކުދީންގެ ނިސްބަތް އިންތިހާ ދަރަޖަ އަށް ދަށްވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި އިރު ދިވެހި ރުފިޔާގެ އަގު 32 ޕަސެންޓަށް ތިރިކޮށްފައިވާ ކަމަށާއި ތަކެތީގެ އަގު ތިރިކުރާނެ ކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަޝީދު އިސްތިއުފާ ދެއްވި އިރު ދިވެހި ރުފިޔާގެ އަގު ވަނީ 32 ޕަސެންޓަށް ތިރިކޮށްފައި. މާނައަކީ ކޮންމެ ސަތޭކަ ރުފިޔާއަކަށް ލިބޭ އެއްޗެއްގެ އަގު ސަތޭކަ ބައްތިރީން ރުފިޔާ އަށް އަރައިގެން ގޮސްފައޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ވެރިކަމުގައި ނަޝީދު ކަންތައް ކުރެއްވިގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ރައްޔިތުންގެ ވިންދަކީ މިފަހަރު ނަޝީދު "ބޭރުކޮށްލުން" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުގެ ފިކުރުން ގައުމު ސަލާމަތް ކުރުމަށް ދިވެހި ރައްޔިތުން ޑީއާރްޕީއާ މެދު ކުރި އުންމީދު ފަނާކޮށްލުމަށް ޑީއާރްޕީގެ ކައުންސިލުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.