17 Sep 2013, 00:22
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ ސީއީއޯ ޑރ. އަދުހަމް އަބްދުﷲ މިރޭ އެމްޑީޕީ އަށް ސޮއި ކުރައްވައިފި އެވެ.
ކުރިން ރައީސް ވަހީދުގެ ގައުމީ އިންތިހާދުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި އަދުހަމް އެމްޑީޕީ އަށް ސޮއިކުރެއްވީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމީއްޔާތެއްގަ އެވެ.
"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަދުހަމް ވިދާޅުވީ އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވީ އޭނާ އަކީ އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ މީހެއް ކަމަށާއި އަދި މިވަގުތު އެންމެ އެދެވޭ ގޮތެއްގައި ގައުމަށް ހިދުމަތް ކުރެވެން އޮތީ އެމްޑީޕީ އާ ގުޅިގެން ކަމަށް ވާތީ ކަމަށެވެ. އަދި އެކަން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ހާމަވެފައިވާ ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ.
"އަޅުގަނޑު އެމްޑީޕީ އަސް ސޮއި ކުރި މައިގަނޑު ސަބަބަކީ އަޅުގަނޑަކީ އަބަދުވެސް ދިވެހި ގައުމަށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ މީހެއް. އެކަން އަޅުގަނޑު އެމްޓީސީގައި ހޭދަ ކުރި ދުވަސް ތަކުގައި ވާނީ ސާބިތު ކޮށްދީފައި. އެހެން ވީމާ މިވަގުތު އެންމެ އެދެވޭ ގޮތެއްގައި ގައުމަށް ހިދުމަތް ކުރެވެން އޮތީ އެމްޑީޕީ އާ ގުޅިގެން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ އަޅުގަނޑު އެމްޑީޕީ އަށް ސޮއި ކުރީ." އަދުހަމް ވިދާޅުވި އެވެ.
އަދުހަމް ވިދާޅުވީ އޭނާ އެމްޑީޕީ އަށް ސޮއި ކުރި ކަމަގައި ވިޔަސް އަދި އޭނާ ވަޒީފާ އިން ވަކި ކޮށްފައި ނުވާ ކަމަށާއި ވަޒީފާ އިން ވަކިކުރަންދެން މަގާމުގެ ވާޖިބު އަދާ ކުރައްވާނެ ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ.
"އަޅުގަނޑު އެމްޑީޕީ އަށް ސޮއި ކުރި ކަމުގައި ވިޔަސް އަދި އަޅުގަނޑު ވަޒީފާ އިން ވަކި ނުކުރޭ. އަޅުގަނޑު ހަމަ ކުރިއެކޭ ވެސް އެއްގޮތަށް އަޅުގަނޑު ވަޒީފާ އިން ވަކި ކުރަންދެން އަޅުގަނޑު މަގާމްގެ ވާޖިބް އަދާކުރުމުގައި ދެމި ހުންނާނަން." އަދުހަމް ވިދާޅުވި އެވެ.