އެމެރިކާގެ އަޝްކަރީން އަޅާ ފާޑުގެ ހެދުން އަޅައިގެން ތިބި ތިން މީހަކު ވޮޝިންގްޓަން ކަނޑުގެ ސިފައިންގެ މަރުކަޒަށް ވަދެ ދިން ބަޑީގެ ހަމަލާއެއްގައި ހަ މީހަކު މަރާލައިފި އެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އެ މަރުކަޒަށް ހަމަލާ ދީފައި ވަނީ، އެމެރިކާ ގަޑިން މިއަދު ހެނދުނު 8:20ގައި ކަމަށާއި އެ ހާދިސާ ހިންގި "ބިލްޑިންގް 197" އަކީ 3000 މީހުން މަސައްކަތްކުރާ ތަނެއްކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒުން ވަނީ ބުނެފަ އެވެ.

ވޮޝިންގްޓަން ޑީސީ ޕޮލިސް ޗީފް ކެތީ ލެނިއާ ވިދާޅުވީ ހަމަލާ ދިން މީހުންގެ ތެރެއިން މީހަކާ އެކު އެ ހާދިސާގައި ޖުމުލަ ހަތް މީހުން މަރުވެފައިވާ ކަމަށާއި އަދި އިތުރު ތިން މީހަކު ވަރަށް ބޮޑަށް ޒަހަމު ވުމުގެ ސަބަބުން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

ވޮޝިންގްޓަން ނޭވީޔާޑު ހިމެނޭ ސަރަހައްދުގެ ކައިރީގައި ދިރިއުޅޭ އެތައްބައެއްގެ ހިތުގައި އެހާދިސާއާ ގުޅިގެން ބިރުވެރިކަން އުފެދިފައިވާ އިރު އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ، ހަމަލާދިން ތިން މީހުންގެ ތެރެއިން އެކަކު ވަނީ، ރައްދުގައި ފުލުހުން ދިން ހަމަލާގައި މަރުވެފައި ކަމަށާއި އެހެން ނަމަވެސް އަނެއް ދެމީހުން އަދި އަތުލައި ނުގަނެވޭ ކަމަށެވެ.

"އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމަކީ، އެ ހަމަލާ ދިން ތިން މީހުގެ ތެރެއިން ދެމީހުން މިހާތަނަށް އަދިވެސް އަތުލައި ނުގަނެވޭ،" ޑީސީ ޕޮލިސް ޗީފް ކެތީ ލެނިއާ ވިދާޅުވި އެވެ.

ލެނިއާ ސިފަކުރެއްވި ގޮތުގައި އޭގެ ތެރެއިން އެކަކީ، ކާކީ ޔުނިފޯމެއް ލައިގެން ބޮލުގައި ބެރޭއެއް އަޅައިގެން ބޮޑު ރައިފަލެއް ހިފައިގެން ހުރި ދޮން މީހެއް ކަމަށާއި އަދި އަނެއް މީހާއަކީ އުމުރުން 50 އަހަރުގެ ކަޅު މީހެއް ކަމަށާއި އޭނާ ހުރީ "ދިގު ރައިފަލެއް" ހިފައިގެން ފެހި ކުލައިގެ އަޝްކަރީ ޔުނިފޯމެއް އަޅައިގެން ކަމަށެވެ.

ޔޫއެސް ނޭވީގައި މަސައްކަތްކުރާ މީހަކު އެސޯސިއޭޓެޑް ޕްރެސްއަށް ކިޔައިދިން ގޮތުގައި އެ ތިން މީހުން އިމާރާތުގެ ތެރެއަށް ހަމަލާ ދީފައި ވަނީ، އިމާރާތުގެ ހަތަރުވަނަ ބުރީގައި ތިބެގެން އެތަނުގެ ހޯލް ތެރޭގައި ތިބި މީހުންނަށް އަމާޒުކޮށް ކަމަށެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެ ހިސާބުގަނޑުގައި ހިމެނޭ، 10 ސްކޫލް އިމާރާތް ބަންދު ކޮށްފައިވާ އިރު ހާދިސާ ހިނގުމާ ގުޅިގެން ރޭގަން ނޭޝަނަލް އެއާޕޯޓްގެ ދަތުރުތައް ވެސް އެއްކޮށް ހުއްޓުމަކަށް ގެނައުމަށް ފަހު މިހާރު އަލުން ފަށާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.