16 Sep 2013, 22:01
ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގެ އޮފީސް ފަޅާލައި 1.5 މިލިއަން ރުފިޔާގެ ގަހަނާ ވަގަށް ނެގި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވި މީހަކު ހަތް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ އަންނާރުމާގޭ އަހްމަދު ނަސީރުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ އިރުއޮއްސި 6:40 އެހައިކަންހާއިރު އަހްމަދު ނަސީރު އެ އޮފީސް ފަޅާލައި އެތަނުން 102،244 ޑޮލަރު (1،542،000 ރުފިޔާ) ގެ އަގުހުރި 67 ވައްތަރުގެ ގަހަނާ ވަގަށް ނަގާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ގަހަވާނަތައް ވަގަށް ނެގުމަށް ފަހު އެހެން މީހަކަށް އޭނާ އެ ގަހަނާ ވިއްކާފައިވާކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ހަ ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.