16 Sep 2013, 20:39
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށް ވެހިވަފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް 10،000 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރޭޝަން ސެކްޝަންގެ ހެޑް ޑިރެކްޓަރު އައިމިނަތު މަޖުދާ ވިދާޅުވީ ރޭގެ ނިޔަލަށް އެ ކޮމިޝަންގެ މައި އިދާރާ އަށް 10،000 މީހުން ރީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި އެ ހުރިހާ މީހުންނަށް މިހާރު ޖަވާބު ދީފައި ވާނެ ކަމަށް މަޖުދާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ކޮށްފައިވާ ޖުމްލަ އަދަދު އެނގޭނީ ކައުންސިލްތަކަށް ހުށަހަޅާފައިވާ ފޯމްތައް ލިބުމުން ކަމަށެވެ.
"ރީ ރަޖިސްޓާ ކުރި ސީދާ އަދަދު ދެންނެ ވޭނީ ރަޖިސްޓްރީ ޕްރޮސެސް އެއްކޮށް ނިމުނީމާ. މާލެއަށް އެކަނި ވެސް 10،000 އެއްހާ ފޯމު ހުށަހަޅާފައިވޭ. އަދި އަތޮޅުތަކުން ކައުންސިލްތަކަށް ހުށަހެޅި ފޯމުތައް ޕްރޮސެސްވީމާ އިނގޭނީ ސީދާ އަދަދެއް،" މަޖުދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ނުލާ މީހުން ވެސް ދެ ވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަލަށް ވޯޓް ލެވޭ މީހުންގެ ސިދާ އަދަދު އެނގޭނީ ރަޖިސްޓްރޭޝަންގެ ހުރިހާ ކަމެއް ކަމެއް ނިމުމުން ކަމަށް މަޖުދާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ބަހައްޓާ ވޯޓް ފޮށިތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖުދާ ވިދާޅީ އިންތިހާބުގެ ދެވަނަ ބުރުގައި ބަހަށްޓާ ވޯޓް ފޮށީގެ އަދަދު އެނގޭނީ ރީ ރަޖިސްޓްރޭޝަން ކަންތައްތައް ނިމި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ތައްޔާރުކޮށް ނިމުމުން ކަމަށެވެ.