ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން ދޮށަށް އެއްވެ ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ ފަރާތްތަކުން މިއަދު މުޒާހަރާކޮށްފި އެވެ.

މުޒާހަރާގެ ބައިވެރީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އަޑު އުފުލާފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގާއި ނާއިބް ރައީސް އަހްމަދު ފަޔާޒުގެ އިސްތިއުފާއަށް ވެސް ގޮވާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކުރަން ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ މައްސަލައާ ގުޅޭ ހެކި ނައްތާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުޒާހަރާގެ ބައިވެރީން ވަނީ ބުނެފަ އެވެ.

މިއަދު ހަވީރު 4:30 އިން ފެށިގެން ގާތްގަނޑަކަށް 5:35 ވަންދެން ކުރިއަށްގެންދިޔަ އެ މުޒާހަރާ ނިންމާލާފައި ވަނީ ކުރިއަށް އޮތްތާގަ ވެސް އެފަދަ މުޒާހަރާތަކެއް ކުރާނެ ކަމަށް ބުނުމަށް ފަހު އެވެ. އެ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ލިޔުންތައް ނައްތާލަން އިލެކްޝަންސް ކޮމިޝަނުން އުޅޭކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ޑަސްބިން ކޮތަޅުތަކެއް ޗެކްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ހާޒިރުގައި ޑަސްބިން ކޮތަޅުތައް ޗެކްކުރި އިރު އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ އެއްވެސް ލިޔުމެއް ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެފައި ވަނީ އިންތިޚާބާ ބެހޭ ލިޔުންތައް ސަލާމަތީ ބާރުތަކުގެ ދަށުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށެވެ.