16 Sep 2013, 18:07
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްލި މީހުންގެ ލިސްޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ޖުމްހޫރީ ޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
ޖޭޕީން ހުށަހަޅައިވާ އެ މައްސަލައިގައި ހުކުމް އިއްވުން މާދަމާ މެންދުރު ފަހު 2:20ގައި ބޭއްވުމަށް ޝެޑިއުލްކޮށް، އެ މައްސަލާގައި ހިމެނޭ ވަކީލުން ނަށް ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ. އެކަން ވަނީ އެމައްސަލައިގެ ތެރެއަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ގާނޫނީ ވަކީލް ހަސަން ލަތީފު ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަމަވެސް އެމައްސަލަ ޝެޑިއުލްކުރި ކަމެއް ހައިކޯޓުގެ ވެބްސައިޓްގައި އަދި ބަޔާންކޮށްފައެއް ނުވެ އެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ޝަރީއަތުގެ އަޑުއެހުން އިއްޔެ ވަނީ ނިންމައިލަފަ އެވެ. އެމައްސަލައިގެ ޝަރީއަތުގައި ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ވޯޓުލާ މީހުންގެ ލިސްޓުގެ ސައްހަކަމާ މެދު ސުވާލުއުފެދޭނެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަން ބަލައި ދެނަގަނެވޭނީ ލިސްޓު ލިބިގެން ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ވިދާޅުވެފައި ވަނީ އެ ލިސްޓް ހާމަކޮށްފި ނަމަ ވޯޓުލީ މީހުންގެ ޒާތީ މައުލޫމާތު ހާމަވެގެން ހިނގައިދާނެ ކަމަށެވެ.
ވޯޓުލީ މީހުންގެ ލިސްޓުގެ ކޮޕީ ނުދީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނަށް ހާޒިރުކޮށްގެން އެ ލިސްޓު ބަލާލުމުގެ ފުރުސަތު ދީފި ނަމަ ކިހިނެތްވާނެތޯ ފަނޑިޔާރުން ދެންނެވުމުން ޖުމްހޫރީ ޕާޓީންނާއި އިލެކްޝަންގެ ވަކީލު ވެސް ވަނީ އިއްޔެ ބޭއްވި އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އެކަމަށް އެއްބަސްވެފަ އެވެ.