16 Sep 2013, 17:31
ދުނިޔޭގެ އެކިކަންކޮޅުތަކަށް މަސްތުވާތަކެތި ފޯރުކޮށްދެމުން ދިޔަ ބޮޑު ނެޓްވޯކަކާ ގުޅުން ހުރި މީހަކު ރާއްޖެ އިން، މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ދުބާއީގެ އޮންލައިން ނޫހެއްކަމަށްވާ އެމިރޭޓްސް 7/24ގައި ބުނެފައި ވަނީ އެމެރިކާ އިން ޝައުތު އެފެރިކާއަށާއި ރާއްޖެ އަށާއި ސިންގަޕޯ އަދި ތައިލެންޑަށް މަސްތުވާތަކެތި އެތެރެކުރަމުން ދިޔަ ބޮޑު ނެޓްވޯކެއްގައި ހިމެނޭ މީހަކު ރާއްޖެ އިން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރިކަން މީޑިއާ އަށް ހާމަވީ މިދިޔަ ހޮނިހިރު ދުވަހު، ދުބާއީގެ ޕޮލިހުން އެ މައުލޫމާތު އާންމު ކުރުމުން ކަމަށެވެ.
އަދި ރާއްޖެ އިން އަތުލައިގައި މީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ދަބަސްބަލައި ފާސްކުރި އިރު 3.2 ކިލޯގެ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނިފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
މަސްތުވާތަކެތީގެ އެ މައްސަލައާ ގުޅިގެން ރާއްޖެ އިން މީހަކު ހައްޔަރުކޮށްފައިވާކަން ކަސްޓަމްސް އިން ވެސް ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ. ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދުބާއީ ޕޮލިހާއި ރާއްޖޭގެ ކަސްޓަމްސްއާ ގުޅިގެން އެ މައްސަލާގައި ފިލިޕީންސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ އޭޕްރީލް މަހު ކަމަށާއި އެ މީހާ ހައްޔަރުކުރުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލު މައުލޫމާތު ދިނެވެ.
އަދި އެ މައުލޫމާތު ބޭރު މީޑިއާތަކުން ހިއްސާކޮށްފައި ވަނީ އެ ނެޓްވޯކް ދުބާއީ ޕޮލިހުން އިތުރަށް ތަހުގީގުކޮށް ޔަގީން ކުރުމަށް ފަހުގައި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. ރާއްޖެ އިން ހައްޔަރުކުރި މީހާއާ ގުޅިގެން ފުލުހުންގެ ފަރާތުން ވަނީ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
ރާއްޖެ އިން އަތުލައިގަތް މަސްތުވާތަކެއްޗާ އެކު ދުބާއީ ފުލުހުން ވަނީ އިތުރު ހަތަރު ތަނަކުން 13 ކިލޯގެ ކޮކެއިން އަތުލައިގެންފަ އެވެ. އެގޮތުން ދުބާއީ ޕޮލިހުން ވަނީ އެފްރިކާ އިން ފަސް ކިލޯގެ މަސްތުވާތަކެއްޗާ އެކު އަންހެނަކާއި އިތުރު ދެ މީހުން ހައްޔަރުކޮށްފަ އެވެ. އަދި ދުބާއީ އެއާޕޯޓުން 400 ގްރާމްގެ މަސްތުވާތަކެއްޗާއި ބެންކޮކު އެއާޕޯޓުން 1.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު ސިންގަޕޫރުގެ އެއާޕޯޓުން ވަނީ ތިން ކިލޯގެ ކޮކެއިންނާ އެކު އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.