16 Sep 2013, 17:14
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ކުނި ކޮތަޅުތަކުގެ ތެރޭގައި އެއްވެސް ވޯޓު ކަރުދާހެއް އަދި ފުރަތަމަ ބުރުގެ ނަތީޖާ ކަރުދާހެއް ވެސް ނައްތާލަން ކުނި ކޮތަޅުތަކަށް ލާފައި ނުވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުހުން އެގޮތަށް ބުނެފައި ވަނީ ރިޔާސީ އިންތިހާބާ ގުޅޭ ލިޔުންތަކެއް ނައްތާލަން އުޅޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ރޭ ފަތިހު އުކާލަން އުޅުނު ކުނިތަކެއް ހިފަހައްޓައި ބަލައި ފާސް ކުރުމަށް ފަހު އެވެ. އެތަކެތި ބަލައި ފާސްކޮށްފައި ވަނީ ފުލުހުންގެ ފޮރެންސިކް ޓީމާއި ތަހުގީގު ޓީމަކާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ހާޒިރުގަ އެވެ.
ފުލުހުން ބުނީ އިލެކްޝަންސް ކޮމިޝަނުން އުކާލި ކުނިތަކެއްގެ ތެރޭގައި މި މަހުގެ ހަތް ވަނަދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް އަސަރު ކުރާފަދަ އެއްވެސް ލިޔުމެއް ކުނިތަކުގެ ތެރޭގައި ނެތް ކަމަށެވެ. އަދި އިންތިޚާބުގެ ދެ ވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ މަޢުލޫމާތުތަކަށް ބަދަލު ގެނެވިދާނެ ލިޔުމެއް ނެތް ކަމަށާއި ނަމަވެސް ރަޖިސްޓްރީ ކުރުމަށް އެ ކޮމިޝަނުން ދޫކުރާ ސްލިޕްކޮޅުތަކާއި އައިޑީ ކާޑުތަކުގެ ކޮޕީ ހުރި ކަމަށް ފުލުހުން ބުންޏެވެ.
"މިފަދަ ބައެއް ލިޔެކިޔުންތައް ނައްތާލަން ނެރެފައި ވަނީ ކަފައި ކުދިނުކޮށް ހުރިގޮތަށްކަން ވެސް ފުލުހުން ބަލައި ފާސްކުރި ތަކެތިން ފާހަގަ ކުރެވިގެން ދިޔަ އެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ތައްގަނޑުޖަހައި އެ ކަރުދާސްތައް ވެސް ކަފައި ކުދި ނުކޮށް އެއްވެސް އެއްޗެއް ލިޔެފައިނެތް ކަރުދާސް ވެސް މިތަކެތީގެ ތެރޭގައި ހުރިކަން ވަނީފާހަގަ ކުރެވިފަ އެވެ." ފުލުހުން ނެރުނު ބަޔާނެއްގައިވެ އެވެ.
ކުނިތަކުގެ ތެރޭގައި ހުރި ކަރުދާސްތަކުގެ ތެރޭގައި އިންތިޚާބުގައި ހަރަކާތްތެރިވާ އިލެކްޝަންގެ އޮފިޝަލުންނަށް ތަމްރީނު ދިނުމަށް ބޭނުން ކުރި ބައެއް ކަރުދާސްތަކާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ނަންތައް ހިމެނޭ ބައެއް ލިސްޓްތައް ކަފާފައި ކުނީގެ ގޮތުގައި އުކާލަން ނެރެފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
އިންތިހާބާ ގުޅޭ ލިޔުންތަކެއް ނައްތާލަން އިލެކްޝަންސުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް، ޖުމްހޫރީ ޕާޓީން މިއަދު ބުނެފައި ވަނީ އިންތިހާބުގެ ލިޔެކިޔުންތައް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.