މެލޭޝިއާގެ އެއާލައިން އެއް ކަމަށްވާ އެއާ އޭޝިއާ އެކްސް އިން ރާއްޖެ އާއި އެ ގައުމާއި ދޭތެރޭ ޝެޑިއުލް ދަތުރުތައް ކުރަން ދިވެހި ސަރުކާރުން ހުއްދަދީފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މިއަދު ބުނީ އެއެއާލައިންއަށް ހުއްދަދިނުމާ އެކު މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ފަސް ފްލައިޓް ރާއްޖެއަށް އޮޕަރޭޓް ކުރާނެ ކަމަށެވެ.

"ކުއާލަމްޕޫރު-މާލެ-ކޮލޮމްބޯ-ކުއަލާ ލަމްޕޫރު މަގުން ތިން ފުލައިޓާއި އަދި ކުއަލާ ލަމްޕޫރް-ކޮލަމްބޯ-މާލެ-ކުއަލާ ލަމްޕޫރު މަގުން ދެ ފުލައިޓް" އެއޮތޯރިޓީއިން ބުންޏެވެ.

އެއޮތޯރިޓީއިން ބުނީ އެދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައިވަނީ 377 ގޮނޑީގެ އެއާބަސް އޭ330-343 ގެ މަތިންދާ ބޯޓްތައް ކަމަށެވެ.

އެއާ އޭޝިއާ އެކްސް އާއި ގުޅޭގޮތް ނުވުމުން އަދި މިހާތަނަށް ޓިކެޓްގެ އަގުތައް ވަނީ ސާފްވާ ގޮތް ނުވެފަ އެވެ.

އެއެއާލައިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު ދުނިޔޭގައި މަޝްހޫރު ގިނަ އެއާލައިންތަކެއް މިހާރު ދަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ 27 ގައުމަކުން 28 ޝެޑިއުލް އަދި ތިން ޗާޓާ އެއާލައިންތައް ރާއްޖެއަށް ދަތުރުތައް ކުރެއެވެ.