އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަނުވާ 11 ޕާޓީއަކަށް މެމްބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ދީފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ށ.ގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ އަދަދު ކޮންމެ ހަ މަހަކުން އެއް ފަހަރު ކޮމިޝަނުން ބަލައި ކަށަވަރުކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު އެ މާއްދާގެ ނ.ގައި ބުނަނީ 10،000 މެމްބަރުން ހަމަނުވާ އެއްވެސް ޕާޓީއެއް އޮވެއްޖެކަން ކޮމިޝަނަށް ފާހަގަކުރެއްވިއްޖެ ނަމަ 10،000 މެމްބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ބަޔާންކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ޝުއަބު ޔޫސުފް މިއަދު ސަން އަށް ވިދާޅުވީ ކޮމިޝަންގެ ރަޖިސްޓްރީކޮށްފައިވާ 16 ޕާޓީގެ ތެރެއިން 11 ޕާޓީއަކަށް މިއަދު އެ ނޯޓިސް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ނޯޓިސްއާ އެއްގޮތަށް އަމަލު ނުކުރާ ޕާޓީތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ނޯޓިސް ދެއްވާފައިވާ 11 ޕާޓީ އަކީ ކޮބައިކަމެއް އަދި އެ ޕާޓީތަކުގެ ތެރޭގައި ހިމެނޭ މެމްބަރުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިލެކްޝަންސްގެ އެ ސިޓީ ލިބިފައިވާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަހުމަދު އިނާޒު މިއަދު ސަން އަށް ވިދާޅުވީ 10،000 މެމްބަރުން ހަމަނުވާ ކުދި ޕާޓީތަކަށް ނޯޓިސްދީ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް އުވުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ފަހު ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް ނޯޓިސް ދެވިދާނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.

"ގާނޫނު މާނަކުރުމުގެ އިލެކްޝަނަށް ވަރަށް ބޮޑަށް މިވަނީ އޮޅިވަޑައިގެންފައި. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ބަޔާންކޮށްފައިވޭ. އިލެކްޝަންސް އަމަލު ކުރައްވަނީ ހިތު ހުރި ގޮތަކަށް،" އިނާޒު ވިދާޅުވި އެވެ.

ކުދި ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލުމަށް ގާނޫނުގައި ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ ސިޔާސީ ޕާޓީ ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު މިނިވަން ދިމިގްރާތީ މުޖުތަމައުގައި ލިބިދެވޭ މިންވަރަށް ވުރެ ބޮޑަށް ހަނިކުރެވިފައިވާކަން އެ ގާނޫނަށް ބެލުމުން އެނގޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 10،000 މެންބަރުންގެ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައިވާ ބަޔާންކޮށްފައިވާ މާއްދާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

ނަމަވެސް ޝުއައިބު ވިދާޅުވީ ކުދި 11 ޕާޓީތަކަށް ކޮމިޝަނުން ފޮނުވާފައިވާ ނޯޓިސްއާއި ސުޕްރީމް ކޯޓުގެ ހުކުމާ އެއްވެސް ގުޅެއް ނެތް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމަކީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލާޒިމުކޮށްފައިވާ މާއްދާ އުވާލުމަށް ކޮށްފައިވާ ހުކުމެއް. ނަމަވެސް އެ ހުކުމުގެ ދަށުން ކޮމިޝަންގެ ދަފްތަރުކޮށްފައިވާ ޕާޓީތައް ދެމި އޮތުމަށް ބޭނުންވާ 10،000 މެމްބަރުން ހަމަތޯ ބެލުމަށް ކަނޑައާ މާއްދާ ބާތިލެއް ނުވޭ،" ޝުއައިބު ވިދާޅުވި އެވެ.