16 Sep 2013, 16:27
ގައުމުގައި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ބައެއް ޕްރޮގްރާމްތައް ވީޓީވީން ގެނެސްދޭ ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ގައުމުގައި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ބައެއް ޕްރޮގުރާމްތައް ބައެއް ފަރާތްކުން ދައްކަމުންދާ މައްސަލާގައި ރިޔާސީ އިންތިހާބަށް ފަހު އެކި ފަރާތްތަކުން މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެކި ފަރާތްކުން ހުށަހަޅާފައިވާ މައްސަލައި ބަލަމުންދާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން މިވަގުތު ބަލަމުންދަނީ ވީޓީވީގެ މައްސަލަ އެކަނި ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ ވީޓީވީގެ މައްސަލަ ބަލަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް މައްސަލާގައި ކޮމިޝަނުން އެއްވެސް ގޮތަކަށް ނިންމާފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން އެ ކޮމިޝަނަށް ޝަކުވާތަކުގެ ގޮތުގައި ލިބޭ މައްސަލަތަކާއި އަދި އެ ކޮމިޝަނަށް ފާހަގަ ކުރެވިގެންބަލަމުންދާ މައްސަލަތައް ވެސް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.