16 Sep 2013, 16:03
ޕީޕީއެމްގެ މަޖިލީސް މެންބަރުންތަކެއް ވަރަށް އަވަހަށް އެމްޑީޕީ އަށް ސޮއިކުރައްވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަތައް ޕީޕީއެމުން ދޮގުކޮށްފި އެވެ.
ނަސަންދުރާގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ މެންބަރު އަބްދުﷲ އަމީން ވިދާޅުވީ ނަޝީދުގެ އެ ވާހަކަތަކަކީ ޕީޕީއެމްގެ ކެމްޕޭނަށް ހީނަރުކަން ގެނައުމުގެ ގޮތުން ދައްކަވާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"ނަޝީދުގެ މުޅި ވެރިކަމާއި މުޅި ސިޔާސީ ކެމްޕޭން އަމާޒުވެގެން ދަނީ މީހުންނަށް އޮޅުވާލުމާއި ހަގީގަތާއި ދުރަށް މީހުން ގެންދިޔުމުގެ ހަރަކާތްތަކެއް ކަމަށް. މި ދުވަސް ވަރު އެކި އެކި ވާހަކަތައް ދައްކަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކެމްޕޭނަށް ހީނަރުކަމެއް ގެނެސް ނުވަތަ މީހުންގެ ވިސްނުން އެހެން ދިމާތަކަށް އަނބުރާލުން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ކެމްޕޭން އަމާޒު ވަނީ ވަކި މީހަކަށް ނޫން ކަމަށާއި ރައްޔިތުން ތިބީ ގައުމު ސަލާމަތް ކުރުމަށް ނަޝީދު ވެރިކަމަށް އަޔަނުދިނުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަލުން ބާއްވައިފި ނަމަ ކުރިން ލިބުނު އަދަދަށް ނަޝީދަށް ވޯޓު ނުލިބޭނެ ކަމަށާއި ފުރަތަމަ ބުރުގައި ނަޝީދު ވޯޓު ހޯއްދެވީ އޮޅުވާލައިގެން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ސަޕޯޓު ކުރި ގިނަ ބަޔަކު ދެވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަޔަނުދިނުމަށްޓަކައި ނަޝީދު ފިޔަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަނެއް ތިން ކެންޑިޑޭޓުންގެ ސަޕޯޓަރުން އަތޮޅުތަކުގައި އެކުއެކީގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕީޕީއެމްގެ ކެމްޕޭނަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިހާރު ހުންނެވީ އައްޑޫ ސިޓީގައި ޑޯޓްޑޯ ކެމްޕޭންގައި ކަމަށާއި އައްޑޫ ސިޓީން ކުރިއަށް ވުރެ ބޮޑު ތާއީދެއް އެ ޕާޓީ އަށް ލިބެމުން އަންނަ ކަމަށެވެ.
ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހީމް އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށް ނަޝީދު ކުރިން ވިދާޅުވި އެވެ. ނަމަވެސް އިލިޔާސުގެ ބޭބެ އައްބާސް އިބްރާހީމް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.