އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުވައިތު ސްޕޯޓްސް ކްލަބާ ދެކޮޅަށް ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މާދަމާ ނުކުންނައިރު ނިއުގެ އެންމެ ބޮޑު ހަތިޔާރަކަށް ވާނީ ކްލަބްގެ ސަޕޯޓަރުން ކަމަށް އެޓީމުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފި އެވެ.

ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ޓީމަށް ވެފައި، ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަކީ ގައުމުގެ ކޮންމެ ކުލަބެއް ބޭރު ބަޔަކާ ދެކޮޅަށް ކުޅުނަސް ރާއްޖޭ ޓީމަށް ސަޕޯޓު ކުރުމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ނުކުންނަ، ފުޓްބޯޅަ ދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށް ވުމުން މާދަމާ ވެސް ޕޮޕޯފް އެބުނާ " ބޮޑު ހަތިޔާރު"ގެ ބާރު ފެނިގެން ދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

"މާދަމާ މެޗަށް ނުކުންނައިރު އަހަރެމެންގެ އެންމެ ބޮޑު ހަތިޔާރަކަށްވާނީ ސަޕޯޓަރުން. ސެލަންގޯ އަތުންވެސް އަހަރެމެން މޮޅުވީ ސަޕޯޓަރުންގެ އެހީގައި. އެހެންކަމުން އަހަރެން އުންމީދު ކުރަނީ، ހަމަ އެދަނޑުގައި އެ ސަޕޯޓަރުންގެ އެހީއާއެކު އަދިވެސް އެ ކާމިޔާބު ތަކުރާރުކުރަން،" ނިއުގެ ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ނިއުރޭޑިއަންޓް ވަނީ މިފަހަރުގެ މުބާރާތުގައި ވެސް ގްރޫޕް ސްޓޭޖްގައި އެޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްފަ އެވެ. އަދި ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި މެލޭޝިޔާގެ ސެލަންގޯއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ.

ނިއުގެ ކޯޗު ބުނީ، މާދަމާގެ މެޗަށް ނުކުންނައިރު ނިއުއަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އަދި އެޓީމަށް ގެއްލޭނޭ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އޭއެފްސީ ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ ކުވޭތު އެފްސީ އަތުން މޮޅު ވެވިއްޖެ ނަމަ އެއީ ނިއުއަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"މިމެޗަށް ނުކުންނައިރު އަހަރެމެންނަށް އެއްވެސް ޕްރެޝަރެއް ނެތް. ކުވޭތަކީ މި މެޗު އެކަންޏެއް ނޫން މުބާރާތުގެ ވެސް ފޭވަރިޓުން. އަނެއްކޮޅުން ކުވޭތަކީ އަހަރުމެންނަށްވުރެ 100 ގުނަ ބޮޑު ތަނެއް. މިއީ އަހަރެމެން އެންމެނަށްވެސް އެނގޭ އެއްޗެއް. މާނައަކީ އަހަރެމެން މި މެޗަށް ނުކުންނާނީ ވަރަށް ހަމަޖެހިގެންނޭ. ގެއްލޭނެ އެއްޗެއް ނެތޭ. އަހަރެމެންނަށް އޮތްހާވެސް އެއްޗަކީ މެޗުން މޮޅުވުން." ކުވޭތު ޓީމާ ނިއުއާ އަޅާކިޔަމުން ކޯޗު ބުންޏެވެ. "މި މެޗު ކާމިޔާބު ކުރެވިއްޖެނަމަ ވެގެންދާނީ އޭއެފްސީ ކަޕްގައި ފެނިގެންދާނޭ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަށް، އަދި ކުވޭތު ފުޓްބޯޅައިގައި އެމީހުންނަށް ލިބޭނެ އެންމެ ބޮޑު ލަދަށް."

ނިއުގެ ކާމިޔާބު ކޯޗު ބުނީ ކުވޭތު ޓީމަކީ މި މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ ޓީމު ކަމަށާއި އަދި އެޓީމު ބަލިކޮށްގެން ނިއުއަކީ އެންމެ ވަރުގަދަ ޓީމުކަން ސާބިތުކޮށްދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ކުވޭތު ޓީމަކީ އޭއެފްސީގައި މިހާރުއޮތް އެންމެ ވަރުގަދަ ޓީމް. އެކަމަކު އެޓީމު ބަލިކޮށްގެން އަހަރެމެންނަށް ތަފާތެއް އުފެއްދިދާނެ. ސަބަބަކީ އަހަރެމެން މިހާރު އޮތް ޓީމަކީ، ރާއްޖޭގެ ޓީމެއް މިހާތަނަށް އޭއެފްސީގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމު. މި ޓީމްވަނީ، ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެފައި. ގްރޫޕް ސްޓޭޖް ނިންމާލާފައި މިވަނީ އެންމެ ރަނގަޅު އެޓޭކިން ރެކޯޑާއެކު. އެހެން ކަމުން އަހަރެމެން ޓީމަކީ މޮޅު ޓީމެއް. އަދި މާދަމާގެ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ އަހަރެމެންގެ ޓީމް ވެގެންދާނެ އެންމެ މޮޅު ޓީމަށް." ޕޮޕޯފް ބުންޏެވެ.

"އަހަރެންގެ ކުޅުންތެރިންނަކީ ބަތަލުން ކަން އެމީހުން ވަނީ އޭއެފްސީ ކަޕްގައި ކުރިންވެސް ސާބިތުކޮށްދީފައި. އެހެންވީމާ މާދަމާގެ މެޗުގައިވެސް އެފަދަ ހިތްވަރެއް ނެރޭނެ ކަމަށް އަހަރެން އުންމީދުކުރަން" ކުޅުންތެރިންނާ ދޭތެރޭ ފަހުރުވެރި ވަމުން ނިއުގެ ކޯޗު ބުންޏެވެ.

މާދަމާގެ މެޗާ ބެހޭގޮތުން ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު (އިންމަ) ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މާދަމާގެ މެޗު ކާމިޔާބު ކުރުމަށް ތައްޔާރުވެގެން ކަމަށާއި އަދި ގަލޮޅު ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ ޓީމުތަކަށް ރަނގަޅު ނަތީޖާ ނެރެވޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުވޭތު ސްޕޯޓްސް ކްލަބް ވާދަކުރާ މެޗު ކުޅޭނީ ގަލޮޅު ދަނޑުގައި މާދަމާ ހަވީރު 4 ޖަހާ އިރު އެވެ.

މާދަމާ މެޗުގެ ޓިކެޓް ގަލޮޅު ދަނޑުން މިހާރުވެސް ވިއްކަމުން ގެންދާއިރު ޓިކެޓުގެ އަގުތަކަކީ ގޮނޑިބަރިން 50ރ. އަދި ސިޑިބަރިން 15ރ. އެވެ.