16 Sep 2013, 15:57
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް އެމްޑީޕީން ތަދައްޙުލް ވާން ނިންމައިފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަދައިގެންނަވާ ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލް ކުރުމަށް ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްޙުލް ވާން (މައްސަލައިގެ ތެރެއަށް ވަނުމަށް) އެމްޑީޕީން ރިޔާސީ އިންތިހާބުގެ ފުރަރަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައި އެންމެ ގިނަ ވޯޓް ހޯއްދަވާފައި ވާތީ ކަމަށެވެ. އެހެން ކަމުން ޖޭޕީން ހުށަހަޅާފައިވާ މައްސަލަ އަކީ އެމްޑީޕީގެ މަސްލަހަތު އެކުލެވޭ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވޯޓް ދެއްވި 95،000 މީހުންގެ މަސްލަހަތު އެކުލެވޭ މައްސަލައެއް އެ ޕާޓީން ގަބޫލު ކުރާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަސް ހުށަހަޅާފައިވާ މައްސަލަ އަކީ އެމްޑީޕީގެ މަސްލަހަތު އެކުލެވޭ މައްސަލަ އެއް. ސަބަބަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި 95،000 މީހުންގެ ވޯޓް ހޯދާފައި. އެހެންވީމަ އެ މައްސަލާގައި އަޅުގަނޑުމެން އެމްޑީޕީގެ ހައްގުތަކެއްވޭ. އަޅުގަނޑުމެންގެ މަސްލަހަތު އެކުލެވޭ. އަދި ރައީސް ނަޝީދަށް ވޯޓް ދެއްވި އެތައްހާސް ބައެއްގެ މަސްލަހަތު އެކުލެވޭ،" އެމްޑީޕީގެ ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބިނާކޮށްފައިވާ ގޫނީ އިޖުރާތުތަކުގެ މައުލޫމާތު ނުވަތަ ލިޔުންތައް ސުޕްރީމް ކޯޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މާދަމާ އެކަމާއި ގުޅުން ހުރި ލިޔުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
އިންތިހާބުގައި މައްސަލަތަކެއް އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ހަސަން ވިދާޅުވީ އިންތިހާބުގައި މައްސަލަ އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ނުވާނެ ކަމަށާއި އެހެން އެމަނިކުފާން ވިދާޅުވީ އިންތިހާބުގައި މައްސަލަ އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.
"އިންތިހާބުގައި ވޯޓް ލުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅެއް ނުވޭ. އެއީ މުޅިން ދޮގު ވާހަކައެއް. ރައީސް ވިދާޅުވީ އިންތިހާބުގައި ވޯޓް ލުމުގައި ބައެއް ވޯޓް ފޮއްޓަށް އިތުރަށް ވޯޓްލާފައިވާ ކަމުގެ މައުލޫމާތުތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވެޔޭ. އަދި އެފަދަ ކަންތައްތަކެއް ހިނގާފައި ވޭތޯ ބަލަމުންދާ ކަމަށް." ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން ތުހުމަތު ކުރާ ކަންތައްތައް އެއީ ހިނގާފައިވާ ކަންތައްތަކެއްތޯ އެ ޕާޓީން ވެސް މިހާރު ބަލަމުންދާ ކަމަށެވެ.