16 Sep 2013, 15:33
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންނަށް ބިރުދައްކަމުން ގެންދާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޮމިޝަންގެ ބައެއް މެމްބަރުންނަށް ބިރުދައްކަމުން ގެންދާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ކޮމިޝަންގެ މެމްބަރުންނަށް ބިރުދައްކާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ އިލެކްޝަންސް ކޮމީޝަނުން ނެވެ.
ރިޔާސީ އިންތިހާބަށް ފަހު އިލެކްޝަންސް ކޮމިޝަނާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާ އިރު އެ ކޮމިޝަންގެ މެމްބަރުންނަށް އެކި ގޮތްގޮތުން އިންޒާރުތައް ދެމުން ގެންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ރިޔާސީ އިންތިހާބަށް ފަހު ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބް ރައީސް އަހުމަދު ފަޔާޒުގެ އިތުރުން އެކޮމިޝަންގެ އިތުރު ދެ މެންބަރަކަށް ފުލުހުން ގެންދަނީ ސެކިއުރިޓީ ދެމުންނެވެ.
ފަޔާޒު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެކޮމިޝަންގެ މެމްބަރުންނަށް ފުލުހުންގެ ސެކިއުރިޓީ ނެގުމާ ބެހޭ ގޮތުން އިންތިހާބްގެ ކުރިން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
"މެމްބަރުން ސެކިއުރިޓީ ނެގުމުގެ ވާހަކަ އިންތިހާބްގެ ކުރިން ވެސް އޮތީ ދެކެވިފައި. މިހާރު ވެސް ރައީސްގެ އިތުރުން ދެ މެމްބަރަކު ގެންދަވަނީ ސެކިއުރިޓީ ނަންގަވަމުން. އަޅުގަނޑު ވެސް މިހާރު ވާނީ ސެކިއުރިޓީ ނަގަން ފަށާފައި." ފަޔާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގެ ވޯޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ގެންދަނީ އެ ކޮމިޝަންގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވަމުންނެވެ. އެގޮތުން ވޯޓްގައި މަކަރާ ހީލަތް ހަދާފައިވާ ކަމަށް ބުނެ ޖޭޕީން ކޮމިޝަންގެ ރައީސް ގޭ ދޮށަށް އެއްވެ މުޒާހަރާކޮށްފަ އެވެ.