ޑީއާރުޕީގެ ނިންމުމާ ހިލާފަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރައް ވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު (އުސްތާޒު އަހުމަދު) ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ އަހުމަދު ޕީޕީއެމް އަށް ތާއީދުކުރެއްވުމަށް ނިންމެވީ، އޭނާ ވިދާޅުވި ގޮތުގައި، އިސްލާމްދީނާއި ދިވެހި ގައުމު ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.

"ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އަދިވެސް މިހުރީ، ޕީޕީއެމް އަށް ތާއީދު ކުރަން ނިންމީ އިސްލާމްދީނާއި ދިވެހި ގައުމު ހިމާޔަތް ކުރަން ބޭނުންވާތީ. ޕާޓީ ބަދަލުކުރުމާ މެދު ވިސްނޭނީ އަދި ފަހުން، މިހާރު އިހަށް އެބަޖެހޭ ދީނާއި ގައުމު ހިމާޔަތް ކުރަން،" ސަން އަށް ދެއްވި އިންޓަވިއުގައި އަހުމަދު ވިދާޅުވި އެވެ.

ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޔާމީނަށް ތާއީދު ކުރައްވަން އަހުމަދު ނިންމެވި އިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ނިންމާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރުމަށެވެ.