ފުލުހުން ހިންގަމުންދާ "ކްރިޓިކަލް" އޮޕަރޭޝަނެއްގެ ދަށުން ސ. ހިތަދޫގެ ގެތައް ފުލުހުން ޗެކްކުރަން ފަށައިފި އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ މިވަގުތު އެ އޮޕަރޭޝަން ހިންގަނީ ހިތަދޫގައި ކަމަށާއި ކަމުގެ ބާވަތުން އިތުރު މައުލޫމާތު މިވަގުތު މީޑިއާ އަށް ހާމަކުރެވެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ހިތަދޫގައި މިވަގުތު ކުރިއަށްގެން ދަނީ ވަރަށް "ކްރިޓިކަލް" އޮޕަރޭޝަނެއް ކަމަށެވެ.

"އޮޕަރޭޝަނުގެ ގޮތުން އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތް. އަޅުގަނޑުމެން އެކަން ފަހުން ހާމަކުރާނަން. ދެންނެވެން އޮތީ މިވަގުތު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ހިތަދޫގައޭ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ހުރިހާ ގެއެއްގެ ވެސް ބަލާފާސް ކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ ގެތަށް ފުލުހުން ޗެކްކުރަން ފަށާފައިވާ އިރު ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ އެއްޗެހިތަކަކާ އެކު މިދިޔަ ހުކުރު ދުވަހު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމީހާ ވަނީ ކޯޓުން މުއްދަތު އިތުރުކޮށް ނުދިނުމުން ދުކޮށްލާފަ އެވެ. މީގެ އިތުރުން ވެސް އައްޑު ސިޓީގައި އައިޑީކާޑު ގަނެވިއްކުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.