މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ޕީއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަންފައިނުވާތީ، އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަަށް ތަސްދީގު ކުރެއްވުން ލާޒިމްވާ ގޮތަށް މާލިއްޔަތުގެ ބިލު މަޖިލީހުން ފާސްކޮށްފައިވާ ނަމަވެސް، އެ ބިލު އަދިވެސް ތަސްދީގު ކުރައްވާފައިނުވާތީ، އެ ބިލު ތަސްދީގު ކުރެއްވުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދެއްވުމަށް އެދި މި މައްސަލަ ހުށަހަޅާފައިވަނީ ޕީއޭ ޕާލިމެންޓްރީ ގްރޫޕްގެ ތިން މެމްބަރުން ކަމުގައިވާ ގަމު ދާއިރާގެ ޔޫސުފް އަބްދުލް ގަފޫރާއި މާވަށު ދާއިރާގެ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރާއި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ.


އެބޭފުޅުންގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރައްވާ އަލްއުސްތާޒާ އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ، މި މައްސަލަކީ ހައި ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މައްސަލަ އެއް ނޫން ކަމަށް އީދު ބަންދުގެ ކުރިން ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި ކޯޓުތަކާ ބެހޭ ޤާނޫނުގެ ދަށުން މި މައްސަލަ ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށް ކޯޓުން އަންގާފައިވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ވެއްދީ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.


ނަމަވެސް، ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތް ކަމެއް ނޫން ކަމެއް އަދި ވިދާޅުވާން ނޭނގޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.


" ކޯޓުތަކާ ބެހޭ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބައްލަވަން ޖެހިވަޑައިގަންނަވާ މައްސަލައެއްގެ ގޮތުގައި ނިންމަވާފައި މި އޮތީ. އެއީ ބަންދުވުމުގެ ކުރިން. ސުޕްރީމް ކޯޓުގައި އިންނާނެ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި އެދޭ މަރުހަލާ. އެގޮތަށް ހުށަހަޅާފައި މިއޮތީ މިއަދު. ދެން ސުޕްރީމް ކޯޓުން އެއްޗެއް ވިދާޅުވީމަ އެނގޭނީ،" ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އާޒިމާ ވިދާޅުވި އެވެ.


ޕީއެން ކުރާ ދައުވާގައި މައްސަލާގައި މައިގަނޑު ތިން ކަމެއްް ހިމެނެ އެވެ. 


އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ ބިލު ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެ ދައުވާގައި ވެއެވެ. އަދި ގަސްތުގައި އެއްވެސް ފަރާތަކުން އެ ބިލަށް ގާނޫނީ ބާރު ލިބިނުދީ ހިފަހައްޓާ ހާލަތުގައި އެ ގާނޫނާ ހިލާފަށް އަމަލު ކުރުމަކީ އެ ބިލް ގާނޫނަކަށް ހެދުމަށް ހުރަސްއަޅާފައިވާ ފަރާތަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށާއި ގަސްދުގައި އެއްވެސް ފަރާތަކުން އެ ބިލަށް ގާނޫނީ ބާރު ލިބި ނުދީ ހިފަހައްޓާ ހާލަތުގައި އެ ގަނޫނާ ހިލާފަށް އަމަލު ކުރުމަކީ ހަމަ އެއްވެސް ފަރާތަކަށް ލިބިފައިވާ ބާރެއްނޫން ކަމުގައި ކަނޑައަޅައި ދިނުމަށްވެސް މި ދައުވާގައި އެދިފައިވެ އެވެ.