16 Sep 2013, 15:03
ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން، ރިޔާސީ އިންތިހާބާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއް ސަލާމަތީ ބާރުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ އިންތިހާބާ ގުޅޭ ލިޔުންތަކެއް ނައްތާލަން އިލެކްޝަންސުން މަސައްކަތްތަކެއް ކުރާނެ ކަމަށް، އެ ކޮމިޝަންގެ ތެރެއިންނާއި ހެޔޮއެދޭ ފަރާތްތަކުން "މީގެ ތިން ހަތަރު ފަސް ދުވަސް ކުރިން" ޖޭޕީ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަން ސަލާމަތީ ބާރުތަކާ ހިއްސާކޮށްފައި ވަނިކޮށް، މިއަދު އެ ކޮމިޝަނުން ނެރުނު ކުނި ކޮތަޅުތަކުގެ ތެރޭގައި އިލެކްޝަންސްއާ ގުޅުން ހުރި ލިޔުންތަކެއް ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފާއިތުވި ދެތިން ދުވަހު ވެސް އިލެކްޝަންސުން ލިޔުންތަކެއް ނައްތާލާފައިވާ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އޭގައި ހުރީ ކޯއްޗެއްތޯ، ނައްތާލީ ކޮންއެއްޗެއްތޯ އަޅުގަނޑުމެންނަކަށް ނޭނގޭނެ. އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތު ލިބުނީ މީގެ ތިން ހަތަރު ފަސް ދުވަސް ކުރިން، ނައްތާލުމުގެ މަސައްކަތްތަކެއް ކުރާނެ ކަމަށާއި ފުރިހަމަ އިތުބާރު ހުރި ގޮތެއްގައި އެކަން ކުރިއަށްދާނެ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ކަންތައްތަކެއް ކުރާށޭ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަންގައި ހުރި ލިޔެކިޔުންތައް ނައްތާނުލެވޭ ގޮތަށް އެކަންތައްތައް ބެލެހެއްޓުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.
ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ފުލުހުންގެ ދައުރެއް ނެތި ބޭއްވި ހަމައެކަނި އިންތިހާބަކީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ. ވޯޓު ފޮށިތައް ބެލެހެއްޓުމާ ވޯޓި ފޮށިތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ފުލުހުން މީގެ ކުރިން ހަރަކާތްތެރިވެފައިވާ ކަމަށާއި ނަމަވެސް މިފަހަރު ފުލުހުންނަށް އެކަމުގައި އެއްވެސް ދައުރެއް ދީފައި ނުވާ ކަމށް ހަސަން ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން އަމިއްލަ އަށް ޓެކްސީ ގެނެސްގެން ޓެކްސީތަކުގައި ވޯޓު ފޮށިތައް ގެންދިޔަ މަންޒަރު އަޅުގަނޑުމެނަށް ފެނިފައިވޭ. އެކަމަށް ހެކި ބަސްދޭނެ މީހުން ވެސް އެބަތިބި،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޮންމެ ގޮތަކަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއަށް އެ ހުކުމަށް ތަބާވާނެ ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާއިން އިންތިހާބާ މެދު އުފެދިފައިވާ ކަންބޮޑުވުމަށް ހައްލެއް ނުލިބިއްޖެ ނަމަ، ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ހައްލު ގެނެސް ގެން މައްސައްކަތްޕުޅު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.