އޭއެފްސީ ކަޕް ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މާދަމާ ހަވީރު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުވޭތު އެފްސީއާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުޅޭނީ ވަރުގަދަ އެޓޭކިން ގޭމެއް ކަމަށް އެޓީމުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފި އެވެ.

މާދަމާގެ މެޗާ ބެހޭގޮތުން މިއަދު ގަލޮޅު ދަނޑުގެ ޕްރެސް ރޫމްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިއުގެ ބަލްގޭރިއާ ކޯޗް ބުނީ، ބޮޑު ތަފާތަކުން ބަލިވެދާނެތީ ފަހަތަށް ޖެހިގެން ކުޅެން އޭނާ ނުވިސްނާނެ ކަމަށާއި އޭގެ ބަދަލުގައި އިދިކޮޅު ޓީމަށް ވަރުގަދަ ރައްދެއް ދީގެން މޮޅުވެވޭތޯ ބަލާނެ ކަމަށެވެ.

"އަހަރެން ބުނާނީ މީގައި އަހަރެމެންނަށް ގެއްލޭނެ އެއްޗެއް ނެތޭ. އަހަރެމެން ކުޅެންޖެހޭނީ ވަރުގަދަ އެޓޭކިން ގޭމެއް. ސަބަބަކީ ހަމައެކަނި އެޓޭކިން ގޭމެއް ކުޅެގެން އަހަރެމެންނަށް މެޗުން މޮޅުވެވޭނީ،" ޕޮޕޯފް ބުންޏެވެ. "އަހަރެމެން ޑިފެންސް ކޮށްގެން ކުޅެން އުޅެފި ނަމަ ނުވަތަ މެދުތެރެއިން ކޮންމެވެސް ގޮތެއް ހަދައިގެން ކުޅެން ތިއްބާ އަހަރެމެންނަށް މެޗު ގެއްލޭނީ، އެހެންވީމާ 5-0ގެ ނަތީޖާއަކުން ބަލިވިޔަސް ހުރިހާ ރިސްކެއް ނަގައިގެންވެސް އަހަރެން ބަލާނީ ކުރިއަށް ކުޅެގެން ވަރުގަދަ ރައްދެއް ދެވޭތޯ."

ނިއުގެ ކޯޗު ބުނީ، ކުޑަ ތަފާތަކުން ބަލިވިޔަސް އަދި ބޮޑު ތަފާތަކުން ބަލިވިޔަސް އެކަމުގައި ތަފާތެއް ނެތް ކަމަށާއި އެހެން ކަމުން ބަލިވެދާނޭ ކިޔާފައި ނިއު ކުޅެމުންގެންދާ އެޓޭކިން ސްޓައިލަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

"އަހަރެމެން ޑިފެންސް ކޮށްގެން ކުޅެން ހަދައިގެން މިސާލަކަށް 1-0 ނުވަތަ 2-0 ބަލިވީ. އަހަންނަށް މާބޮޑު ތަފާތެއް ނެތް 1 ނުވަތަ 2 ސުމަކުން ބަލިވުމާ ފަހެއް ސުމަކުން ބަލިވުން. އަހަރެމެން އަބަދުވެސް ކުޅޭ ގޭމް ކުޅެވޭތޯ އަހަރެން ބަލާނީ،" ޕޮޕޯފް ބުންޏެވެ.

ކުވޭތު ޓީމުގެ ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދައްކަމުން ނިއުގެ ކޯޗު ބުނީ، އެޓީމުގައި ތިބީ މޮޅެތި ކުޅުންތެރިން ކަމަށާއި އަދި އެޓީމަކީ ވެސް ޑިފެންސިވް ކުޅުމަށްވުރެ އޮފެންސިވް ކުޅުމަށް އިސްކަންދީގެން ކުޅޭ ޓީމެއް ކަމަށް ވުމުން ނިއުގެ ފަހަތަށް ޕްރެޝަރު ބޮޑުވާނޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އިދިކޮޅު ޓީމަކީ ވަރުގަދަ ޓީމެއް. އެޓީމުގައި ބްރެޒިލް ފޯޑަކާއި އަދި ނުރައްކާތެރި ތޫނިސް ފޯވާޑެއްގެ އިތުރުން ކުވޭތު ގައުމީ ޓީމުގެ ތިން ހަތަރު ކުޅުންތެރިންވެސް އެބަތިބި. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ އޮފެންސިވް ކުޅުންތެރިން. މާނައަކީ އަހަރެމެންގެ ޑިފެންސަށް ވަރަށްބޮޑު ޕްރެޝަރެއް ކުރިމަތި ކުރުވާނެޔޭ. އެކަމަކު އަހަރެންނަށް އެންމެ ރަނގަޅު ޑިފެންސް ކުރުމަކީ އެޓޭކް ކުރުން. އެހެންވީމާ އަހަރެމެން އެޓޭކިން ގޭމެއް ކުޅެގެން ވާގޮތެއް ބަލާނީ،" ނިއުގެ ކޯޗު ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ 90 ޕަސެންޓަކީ ނިއުގެ ކުޅުންތެރިންނަށް ވާއިރު މާދަމާގެ މެޗަށް ތައްޔާރު ވުމުގައި ނިއުގެ ކުޅުންތެރިންގެ ފިޓްނަސްއާ ބެހޭގޮތުން ކޯޗު ބުނީ، ސާފް ޗެމްޕިއަންޝިޕަށް ފަހު ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިބީ ވަރަށް ބޮޑަށް ވަރުބަލި ވެފައި ކަމަށާއި އޭގެ އަސަރު ޓީމަށް ވަރަށް ބޮޑަށް ކުރާނޭ ކަމަށެވެ.

"ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި. ހާއްސަކޮށް ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަން އެހާ ރަނގަޅެއް ނޫން. އޭގެ ތެރެއިން މެސީއާއި ކަކާ ފިޓެއް ނޫން. އެހެން ކަމުން އެ ދެކުޅުންތެރިން މިފަދަ ވަރުގަދަ މެޗެއްގެ ފުރަތަމަ ހާފްގައި ބޭނުމެއް ނުކުރެވޭނެ. އެކަމަކު ދެވަނަ ހާފްގައި އެކުޅުންތެރިންގެ ބޭނުން ހިފާނަން." ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް އިތުރަށް ބުނީ ނިއުއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގައުމީ ޓީމްގައި ހިމެނުނު ކުޅުންތެރިންގެ ފިޒިކަލް ހާލަތުގެ މައްސަލަ ކަމަށާއި އެހެން ނަމަވެސް މާދަމާގެ މެޗަށް އެކަން ހައްލުވާނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި އަހަންނަށް ކުޅުންތެރިންގެ ކިބައިން ފެނިގެން ގޮސްފައިވަނީ ވަރުބަލިކަން. އެކަމަކު އެއީ އާންމު ކަމެއް. ސާފް ޓޯނަމަންޓަށްފަހު ޓީމުގައި ރަނގަޅު ފޯމެއްގައި ތިބީ ދަގަނޑޭ އަދި އަކޫ ދެން އިމްރާން. ބާކީއޮތީ އެންމެ ދުވަހެއް. އެހެން ކަމުން މާދަމައަށް ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން،" ނިއުގެ ކޯޗު ބުންޏެވެ.

ނިއުގެ ކޯޗު އިތުރަށް ބުނީ ސާފް ޗެމްޕިއަންޝިޕްގެ ސަބަބުން އެޓީމަށް މި މެޗަށް ތައްޔާރު ވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އެކަމަކު އެކަމުގައި ދެން ކުރެވޭނެ ކަމެއް ނެތްކަމަށެވެ.