16 Sep 2013, 13:40
އިލެކްޝަންސް ކޮމިޝަނުން ނައްތާލުމަށް އުޅުނު ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ކަރުދާސްތައް ބަލައި ފާސްކުރަން ފަށައިފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ކުނީގެ ގޮތުގައި ނައްތާލުމަށް ރޭ ދަންވަރު ނެރުނު ކުނިތައް ބަލައި ފާސްކުރަމުން ދަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ހާސިރުގައި އިސްކަންދަރުކޮށީގަ އެވެ.
އެ ކަރުދާސްތައް ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ދަންވަރު އުކާލަން އުޅުނު ކުނިތަކެއްގެ ތެރޭގައި ރިޔާސީ އިންތިހާބާ ގުޅޭ ލިޔެކިއުންތަކެއް ހުރި ކަމަށް ބުނެ އާންމުންގެ ބަޔަކު ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އެއްޗެހިތައް ފުލުހުން ހިފަހައްޓައި، އެ އެއްޗެހި ހުރި ސަރައްދު ވަނީ ބަންދުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ސަން އަށް ވިދާޅުވީ ފަތިހުގެ ވަގުތެއްގައި އެ ކުނިތައް ނައްތާލަން އުޅެނިކޮށް، އެ އެއްޗެހި ބެލުމަށް ފުލުހުން އެދުނު ކަމަށާއި ފުލުހުންނަށް އެ ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާނުލާނެ ކަމަށާއި "ބޭނުންވާ މުއްދަތަކަށް ބޭނުންވާ އެއްޗެއް ބަހައްޓާފައި ހުންނާނެ" ކަމަށެވެ. އަދި ދެ ވަނަ ބުރަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ އެއްވެސް ފޯމެއް ނައްތާ ނުލާނެ ކަމަށާއި މީހަކު އިލެކްޝަންސް އަށް ހުށަހަޅާފައިވާ "ފޯމެއް ކަމުގައިވާ ނަމަ އެ ފޯމެއް އޮންނާނެ" ކަމަށް އާސިމް ވިދާޅުވި އެވެ.