16 Sep 2013, 13:00
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުން ދުރުކޮށްފައިވާ އެ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަށް އެ ކޮމިޝަނަށް ވަދެވަޑައިގެންނެވުމަށް ދީފައިވާ އެކްސެސް ކޯޑް ކެންސަލްކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުން އެ ކޮމިޝަނަށް ވަދެ ނިކުމެ ވުމަށް ދީފައިވާ އިނގިލީގެ ނިޝާން ނުވަތަ ފިންގާ އެކްސެސް ކޯޑެއް ބޭނުން ކުރެ އެވެ. ނަމަވެސް ފަހުމީ އަށް ދީފައިވާ ކޯޑް މިހާރު ކެންސަލްކޮށްފައި ވާތީ އޭނާ އަށް އޮފީހަށް ވަދެވަޑައިގަންނަވެނީ އެ އޮފީހުގެ މުވައްޒަފަކު އޮފީސް ހުޅުވައި ދިނުމުންނެވެ.
އެ ކޮމިޝަންގެ މުވައްޒަފަކު ސަން އަށް ކިޔައިދިން ގޮތުގައި ފަހުމީ އޮފީހަށް ވަޑައިގެންނެވި ނަމަވެސް އޮފީހުގައި ކޮމިޝަންގެ ރައީސަށް ހާއްސަކޮށްފައި ހުންނަ ކޮޓަރިކޮޅު ބޭނުމެއް ނުކުރައްވަ އެވެ. އަދި އޮފީހުގެ އެއްވެސް ކަހަލަ ލިޔެކިޔުމެއްގައި ވެސް ފަހުމީ އަތް ނުލައްވާ ކަމަށާއި އެއްވެސް މަސައްކަތެއް ވެސް ނުކުރައްވާ ކަމަށް އޭނާ ބުންޏެވެ. ފަހުމީ ކޮންމެ ދުވަހަކު އޮފީހަށް ނުކުމެވަޑައިނުގަންނަވާ ކަމަށާއި އޮފީހަށް ނުކުމެވަޑައިގަންނަވާ ދުވަހެއްގައި ވެސް ބިއުރޯ ފަޅީގައި އުޅުލައްވާފައި ބޭރަށް ވަޑައިގެންނަވަނީ ކަމަށް ވެސް އޭނާ ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަންގެ މެމްބަރަކު ކަމުން ފަހުމީ ވަކިކޮށްފައި ވަނީ އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީ އަލުން އޮފީހަށް ނިކުންނަވަން ފެއްޓެވީ ރައީސް އޮފީހުން އެނގުމާ ގުޅިގެންނެވެ.
އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް މަޖިލީހުން މިހާރު ހަމަޖައްސަވާފައިވާ ޑރ. މުހައްމަދު ލަތީފު ވަނީ ފަހުމީގެ މައްސަލަ ވަކި ގޮތަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ފަހުމީގެ ބަދަލުގައި މ. އުނިމާގެ ފާތިމަތު ރީނީ އައްބުއްސައްތާރު ވަނީ ކޮމިޝަނަށް ހަމަޖައްސަވައިފަ އެވެ. ނަމަވެސް މިހާތަނަށް ރީނީ ވެސް އޮފީހަށް ނުކުންނަވާފައެއް ނުވެ އެވެ. އަދި އޭނާ އެމަގާމުގެ ހުވާ ކުރައްވައިފައެއް ވެސް ނުވެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފަހުމީގެ ބަހެއް ހޯދުމަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވައި ފޯނު ވަނީ ކަނޑުއްވާލައްވައިފަ އެވެ.