ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކޯޓުގައި ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން މައްސަލަ ރަޖިސްޓްރީ ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ޖުމްހޫރީ ޕާޓީއަށް މިއަދު ދީފައިވާކަމަށެވެ.

އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ނުގެންދިއުމުގެ ވަގުތީ އަމުރަކަށް ވެސް އެ ޕާޓީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މައްސަލަ ހުށަހަޅުއްވަން އިއްޔެ ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމެކެވެ. އެ ޓީމުން ވަނީ އަށް ބޮކްސް ފައިލްގެ ލިޔެކިޔުންތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު މ. ކުނޫޒުގައި އިއްޔެ ނޫސްވެރީންނާ ބައްދަލު ކުރައްވައި އިލްހާމް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި އިންތިޚާބަކާ ގުޅޭ ގޮތުން ހުށަހެޅޭ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ވަރަށް ގިނަ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ އުމުރުން 18 އަހަރު ނުވާ މީހުންގެ އުފަންދުވަސް ބަދަލުކޮށްގެން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ މައްސަލައެއް ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މީހުންގެ ނަން ބަދަލުކޮށްގެން 10،000 މީހުންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ މައްސަލައަކާއި އެޑްރެސްތައް ބަދަލުކޮށްގެން 5000 އަށް ވުރެ ގިނަ މީހުން ލިސްޓުގައި ހިމަނާފައިވާ މައްސަލަ ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުން 18 އަހަރު ނުފުރޭ 600 މީހުން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ މައްސަލައަކާއި ދުނިޔެ އަށް އުފަންވިކަން ނޭނގޭ 1000 އަށް ވުރެ ގިނަ މީހުންގެ ނަން ލިސްޓުގައި ހިމަނާފައިވާ މައްސަލައެއް ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 40،000 އާއި ގާތްކުރާ އަދަދަކަށް އޮޅުވާލުންތަކެއް އެބަހުރި ކަމަށާއި ކޯޓަށް ހުށަހަޅާފައިވާ ހުރިހާ މައުލޫމާތުތައް ސައްޚަ ވާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ވަރަށް ބޮޑު ޓީމަކުން ދިރާސާ ކުރުމަށް ފަހު ކަމަށާއި 300،000 ރައްޔިތުންގެ ހައްގުގައި ސީރިއަސްކަމާ އެކު ކޯޓުން އެ މައްސަލަ ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.