ދުނިޔެ ހޫނުވަމުން އަންނަނީ ސައިންސްވެރިންނާއި ގައުމުތަކުގެ ވެރިން ކުރިން ބުނެފައިވާ ވަރަށް ވުރެ ދެބައިކުޅަ އެއްބައި ކުޑަ މިންވަރަކަށް ކަން ފަޅާއަރައިފި އެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނީ އިންޓަނޭޝަނަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން މިމަހުގެ ފަހުކޮޅު އާއްމުކުރަން ތައްޔާރުކޮށްފައިވާ ރިޕޯޓެއް އެނޫހަށް ވަނީ ލިބިފަ އެވެ. އައިޕީސީސީ އަކީ ފާއިތުވި ހަ އަހަރު ދުނިޔޭގެ މޫސުމަށް އައި ބަދަލުތައް ދިރާސާ ކުރަމުން އައި ބައިނަލް އަގުވާމީ އެޖެންސީ އެވެ. އެ އެޖެންސީގެ ހޯދުންތަކަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ބަލައިގަންނަ ހޯދުންތަކެކެވެ.

ދުނިޔެ ހޫނުވަމުން ދަނީ ކަމަށް އައިޕީސީސީ އިން 2007 ވަނަ އަހަރު އާއްމުކުރި ރިޕޯޓްގައި ބުނެފައިވާ މިންވަރަށް ވުރެ ދެބައި ކުޅަ އެއްބައި ކުޑަ މިންވަރަކަށް ކަން ޑެއިލީ މެއިލް އަށް ލިބުނު ރިޕޯޓުން އެނގޭ ކަމަށް އެނޫހުން އިއްޔެ ބުންޏެވެ.

އައިޕީސީސީ އިން 2007 ވަނަ އަހަރު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ދުނިޔޭގެ ފިނިހޫނުމިން ކޮންމެ 10 އަހަރަކުން 0.2 ޑިގްރީ ސެލްސިއަސްއަށް މަތިވަމުން އަންނަ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ އަންދާޒާ އަކީ ކޮމްޕިއުޓަ ކްލައިމެޓް މޮޑެލް ބޭނުންކޮށްގެން ކޮށްފައިވާ އަންދާޒާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ލީކްވެފައިވާ ފަހުގެ ރިޕޯޓްގައި ބުނެފައި ވަނީ ދުނިޔޭގެ ފިނި ހޫނުމިން މަތިވަމުން ގޮސްފައި ވަނީ ދި އަހަރަކުން 0.12 ސެލްސިއަސްގެ ރޭޓުން ކަމަށެވެ.