16 Sep 2013, 11:49
ފްރާންސް ލީގުގައި ރޭ ލޯރިއެން އަތުން 1-0 ލަނޑުން މެޗް ކާމިޔާބު ކޮށް މޮނާކޯ ލީގް ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި މޮނާކޯ އަށް ލަނޑު ޖަހައި ދިނީ ކޮލަމްބިއާގެ ފޯވާޑް ރަޑަމަލް ފަލްކާއޯ އެވެ. އޭނާ އެލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
ރޭގެ މެޗަށް ފަހު މޮނާކޯގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ، މެޗުން މޮޅުވި ކަމަކު، ނަތީޖާއާ މެދު ހިތްހަމަނު ޖެހޭ ކަމަށާއި އެ މެޗަކީ އެއަށް ވުރެ ރަނގަޅަށް ނަތީޖާ ނެރެވޭނެ ވަރުގެ މެޗެއް ކަމަށެވެ. އަދި މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ފޯވާޑުންނަށް ހިފިފައި ނުވާ ކަމަށް ވެސް ކްލައުޑިއޯ ބުންޏެވެ.
މެޗަށް ފަހު ފަލްކާއޯ ބުނީ، ލޯރިއެން ޓީމަކީ ބަލި ޓީމެއް ނޫން ކަމަށާއި މެޗުން މޮޅުވެ ލީގުގެ އެއް ވަނަ ލިބުމުން އެމަގާމް ދަމަހައްޓަން ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"އަނެއް ކާވެސް އަހަރުމެން މިއޮތީ ލީގުގެ އެއް ވަނަ މަގާމް ގައި. އެމަގާމް ހިފަހައްޓަން ހުރިހާ ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނެ." ނިމިދިޔަ ޓްރާންސްފާގައި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުން 51 މިލިއަން ޕައުންޑަށް މޮނާކޯ އަށް ގެނައި ފަލްކާއޯ ބުންޏެވެ.
ރޭގެ މޮޅާއެކު ލީގުގެ އެއްވަނަ މަގާމްގައި މޮނާކޯ އޮތީ 13 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނަ މަގާމްގައި އޮތީ 12 ޕޮއިންޓާ އެކު އޮތް ސެން އެޓިއެން އެވެ.