16 Sep 2013, 11:26
ރާއްޖޭގެ ރަށްރަށާ ބެހޭ މައުލޫމާތް ހިމެނޭގޮ ތަށް އަދި ފަޅު ރަށްރަށާއި ފަޅުތަކާ ބެހޭ ގިނަ މައުލޫމާތުތަކަކާ އެކު ޑޭޓާ ބޭސްއެއް އެގްރިކަލްޗާ މިނިސްޓްރީ އިން އެކުލަވާލައިފި އެވެ.
އެގްރިކަލްޗަރު މިނިސްޓަރުގެ ނައިބު އަލީ ސޯލިހު މިއަދު ސަން ވިދާޅުވީ www.islandsofmaldives.gov.mv އަށް ޒިޔާރަތް ކުރުމުން ފަޅު ރަށްރަށާއި ރާއްޖޭގައި ހުރި ފަޅުތަކުގެ ތަފްސީލީ މައުލޫމާތްތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަޅު ރަށްރަށުގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިމެނިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރިހަމަ މައުލޫމާތްތައް ލިބިގެންދާނެ، ކިހާ ހިސާބެއްގަތޯ އެހިސާބާ ކައިރި އެއާޕޯޓެއް ހުރީ، ކިހާ ސަރަހެއްގައިތޯ ހޮސްޕިޓަލެއް ހުރީ އެފަދަ ހުރިހާ މައުލޫމާތެއް ވެސް ލިބިގެންދާނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޑޭޓާ ބޭސް އަދި ރަސްމީކޮށް ލޯންޗް ކޮށްފައިނުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މިހާރު ހުރި މައުލޫމާތުތަކަށް ވުރެ ފުރިހަމަކޮށް ރަސްމީކޮށް ލޯންޗްކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ގޫގުލް އާތު ބޭނުންކޮށްގެން ހަދާފައިވާ އެ ޑޭޓާ ބޭސް އިން ރަށްރަށުގެ ފޮޓޯ އާއި ރާއްޖޭގެ ޗާޓާއި ރަށްރަށް އެތުރިފައިވާގޮތް ފެނެ އެވެ. އަދި އެޑޭޓާ ބޭސް އިން ރާއްޖެ އާއި ބެހޭ ގިނަގުނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެ އެވެ.