16 Sep 2013, 10:41
މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓުލީ ކަމުގެ ޝަކުވާއެއް ޖުމްހޫރީ ގުޅުމުގެ ފަރާތުން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަރުވެފައިވާ ބައެއްގެ ނަމުގައި ވޯޓުދިން ކަމުގެ ޝަކުވާ ޖުމްހޫރީ ގުޅުމުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ނާއިބު ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ޖުމްހޫރީ ގުޅުމުން ތަކުރާރުކޮށް އެދުމުން ވެސް ވޯޓުލީ މީހުންގެ ރަޖިސްޓްރީތައް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ދެކޮޅު ހަދަމުން ކަމަށާއި ވޯޓުލީ މީހުންގެ ސައްހަކަމާ މެދު އިލެކްޝަނުން ދޭ ރަސްމީ ލިޔެކިޔުންތަކުގެ މައްޗަށް ބަލައި ހޯދުންތަކެއް ހޯދުމަށް ހުރަސް އެޅިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ރިޔާސީ ކެންޑިޑޭޓުން އެދޭ މައުލޫމާތުތައް ސާފުކޮށް ނުދީ ކަންކަން ފޮރުވަން މަސައްކަތް ކުރަމުންދާހާ ހިނދަކު، އިތުބާރު ގެއްލިފައިވާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަކީ ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ގުޅުމުން ހޯދާ ހޯދުންތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކުރުމުގެ ބަދަލުގައި ޖުމްހޫރީ ގުޅުމުގެ އަމާޒަކީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން "ވަގު ވޯޓުގެ" މައްސަލައިގައި ކޯޓުތަކުން އަދުލުވެރި ނިންމުމެއް ނިންމުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.