ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު ވެސް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނާ އަހްމަދު ފަސީހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަޑައިނުގަންނަވާފައި ވާތީ، އެ ކަމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ސާޅީސް މެންބަރުންގެ އިއްތިފާގުން ފާސްކުރި އެ ގަރާރުގައި ބުނެފައި ވަނީ، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުވެ ވަޑައިގަތުމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނާ އަހްމަދު ފަސީހަށް ތަކުރާރުކޮށް އެންގެވުމުން ވެސް ކޮމިޓީއަށް ވަޑައިގެންނެވުމަށް އެބޭފުޅުން އިންކާރު ކުރައްވަމުން ގެންދަވާތީ، އެކަމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ބޭނުންވާ ކަމަށެވެ.


އެ މައްސަލައިގެ ބަހުސްގައި އިދިކޮޅު ޑީއާރުޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ، ފަސީހާއި މޫސާ ޖަލީލު ކޮމިޓީއަށް ވަޑައިގެންފައި ނުވަނީ އެބޭފުޅުންގެ އަމިއްލަ އިހްތިޔާރުން ނޫން ކަމަށެވެ. އައި އެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނުފޫޒު ރޯވުވައި އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުމަށް ބިރުދައްކައި އިންޒާރު ދެއްވަމުން ގެންދަވަނީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ސަލާމަތީ ހިދުމަތްތައް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކަމަށާއި އެކަންތައްތައް ރެގިއުލޭޓްކޮށް ބަލައި ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނަންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީ، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ފޯރުވޭނެތީ، އެ ހިދުމަތްތަކާ ބެހޭ މުއައްސަސާތަކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރެވެން ޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ ތަންތަނުގެ އިސްވެރިން އެ ކޮމިޓީން ކުރާ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދެއްވަން ޖެހޭނެ ކަމަށާއި، ކޮމިޓީން ބޭނުންވާ ލިޔުންތައް ކޮމިޓީއަށް ދޭން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ އިރު، 241 ކޮމިޓީގައި މިހާރު ވެސް ރައްޔިތުންނާ ބެހޭ ގިނަ ކަންތައްތަކެއްގެ މައުލޫމާތު ނުލިބިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ގައުމުގައި މާރާމާރީތައް ގިނަވެ މީހުން މަރަމުން ގެންދާ އިރު އެކަންކަމަށް ހައްލު ހޯދުމަށް ބޭނުންވާ މައުލޫމާތު އެ ކޮމިޓީއަށް ލިބެން ޖެހޭ ކަމަށާއި އެފަދަ އެއްވެސްކަމެއް ކުރިއަށް ނުދާކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ނުވުމަކީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފް ކަމަކަށް ވާތީ އެފަދަ އަމުރުތަކަށް ކިޔަމަން ނުވުމަށް ވެސް ސަލާމަތީ ހިދުމަތްތަކުގެ އިސް ވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ގޮވައި ލެއްވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެކަށީގެންވާ ވަރަށް މެންބަރުން ވަޑައިގެން ނެތުމުން، ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު ކަމަށް ގާނޫނު އަސާސީގައި ހިމެނިފައިވާ މުއްދަތު ފަސް އަހަރަށް އިތުރު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓަށް އެއްސެވުން އެހެން ދުވަހަކަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ފަސް ކުރެއްވި އެވެ.


ޝާހިދު ވިދާޅުވީ، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަށް މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ ވޯޓު ބޭނުންވާތީ، ޖަލްސާގއި އެވަގުތު 42 މެންބަރުން ތިއްބެވުމާ އެކު، އެ އިސްލާހަށް ވޯޓަށް އެއްސެވޭވަރަށް މެންބަރުން ހާޒިރުވެވަޑައިގަންނަވާ ދުވަހަކުން އެކަމަށް ވޯޓަށް އައްސަވާނެ ކަމަށެވެ. މީގެ އިތުރުން ގެވެށި އަނިޔާތަކާ ބެހޭ ބިލާއި ތައުލީމާ ބެހޭ ބިލް މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަނެ، ބޭންކާ ބެހޭ ބިލު ވަނީ ފާސްކޮސްފަ އެވެ.