16 Sep 2013, 10:25
ދެ ހާސް ފަސް ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމަށް ހުއްދަ ދިން އިރު އަޅުގަނޑަކީ ކުޑަކުއްޖަކީމެވެ. ނަމަވެސް ސިޔާސީ ޕާޓީ ހެދުމަށް ޓަކައި ސިޔާސީ ފަރާތްތަކުން ދެއްކެވި ވާހަކަތައް ރަނގަޅަށް ހަދާން އެބަހުއްޓެވެ. އެހެރަ ދެއްކި މޮޅެތި ވާހަކަ ތާއެވެ. ހަމަ ހިތް އުތުރި އަރާފަދަ ވާހަކަތައް ދެއްކި އެވެ.
"މިގައުމު ތަރައްގީކޮށް، ނިކަމެތިކަން ނައްތާލާ، ފުދުންތެރިގައުމަކަށް ގައުމު ހަދައި، ހަމަޖެހުމާއި ސުލްހަ ގާއިމްކޮށް، ދީން ހިމާޔަތްކުރުން، ތައުލީމް ކުރިއެރުވުން" ފަދަ މޮޅެތި ފޮނި ވައުދުތައް ހިމެނެއެވެ. ނަމަވެސް ކަން ވަނީ އެހެންތޯއެވެ؟ ނޫނީ ދިމާ އިދިކޮޅަށް ތޯއެވެ؟
އިބުނު ބަތޫތާ އާއި ޕިރާޑް މި ރާއްޖެ ސިފަކޮށްފައި ވަނީ މިއީ ވަރަށް ސުލްހަވެރި އެކުވެރި ބަޔަކު އުޅެމުންދާ ގައުމެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ އިރެއްގެ ހަގީގަތެކެވެ. މިއަދުގެ ހަގީގަތަކީ ކޮބާތޯ އެވެ؟ އެބުނާ ތެލި ފޫކަހާ އަޑަށް މިއަދު ބަލާލާނެ މީހަކު ނެތެވެ. ދެ ޕާޓީ އެއްވެއްޖެއްޔާ އެއީ ދެ ދުޝްމަނުންނެވެ. ޕާޓީ ފިކުރުގައި އާއިލާތައް ވަކިވެއްޖެ އެވެ. ރަށްރަށް ދެ ބައިވެއްޖެ އެވެ. ގައުމު ފިތުނަ ވެއްޖެ އެވެ. ސަބަބަކީ ކޮބާތޯ އެވެ؟
"ހަގީގަތުގައި މިގައުމަށް ވެގެން އުޅެނީ އެހެން ޑިމޮކުރަކްޓިކް ގައުމުތަކާ ހިލާފަށް އެހެން ގޮތެއް، އެއީ މިގައުމު ވަނީ ހުރިހާ ކަމަކުން ވެސް ޒާތީވެފައި. އެއްވެސް މީހަކު ނުބަލާ ރަނގަޅުގޮތެއް، މުޅިން ވެސް ބަލަނީ އަނެކާ އަށް ދެރައެއް ދެވޭނެ ގޮތެއް،" ޕޮލިޓިކަލް ސައިންސް ދާއިރާ އިން މަތީ ތައުލީމް ހާސިލުކޮށްފައިވާ ނަމަވެސް ގައުމު މިއަދު އޮތް ހާލަތުން ނަން ހާމަ ކުރަން ނޭދޭ ފަރާތެއް ވިދާޅުވި އެވެ.
މިއަދު މިގައުމުގެ ހަގީގަތަށް ބަލާ އިރު އިސްލާމީ ގައުމެއްގެ މުޖުތަމައުގައި ހުންނަން ޖެހޭ ރިވެތި އަހުލާގްތައް ނެތޭ ބުނެވިދާނެ އެވެ. އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ ނެތް ކަމެކެވެ. ވެރިންނަށް އިހުތިރާމް ކުރުމާއި ކިޔަމަން ވުމެއްނެތެވެ. ސަލާމަތީ ބާރުތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް އިހުތުރާމް ކުރުމެއްނެތެވެ. އަދި އެފަރާތްތަކުން ވެސް ރައްޔިތުނަށާއި އެހެނިހެން މުއައްސަސާތަކަށް ވެސް އިހުތިރާމް ކުރުމެއް ނެތެވެ. ސަބަބަކީ ސިޔާސީ ފިތުނަ އެވެ.
ސިޔާސީ ފަރާތްތަކުން މުޅިން ވެސް ދައްކަމުން ދަނީ އެމެރިކާގެ މިސާލެވެ. ޑިމޮކުރަސީ އަށް ވަކާލާތުކުރަނީ އެގައުމުން މިސާލް ދައްކައިގެނެވެ. އެކަމް ހަގީގަތަކީ އެއެއް ނޫނެވެ. އެމެރިކާގެ މިސާލް ދެއްކި ނަމަވެސް އަމަލު ކުރަމުންދަނީ އަފުގާނިސްތާންގައި އަމަލުކުރާ ގޮތަށެވެ. އެކަކު އަނެކަކުގެ އިހުސާސްތަކާއި ވިސްނުންތަކަށް މިއަދުގެ މި މުޖުތަމައުއަކުން ފުރުސަތެއް ނެތެވެ. ތިމާއާއި ދެކޮޅު ހަދާ ކޮންމެ ބަޔަކީ "ދުޝްމަނަކަށް" ވަނީ ވެފަ އެވެ.
މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. އުޅެމުންދަނީ އިސްލާމުންނެވެ. ނަމަވެސް މިއަދު ފެނިގެންދާ ހަގީގަތަކީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ތަބާވާ ނަމަ ނުވަތަ ސަޕޯޓްކުރާ ނަމަ އޭނާ އަކީ "ލާދީނީ" މީހަކަށް ހަދާ ތަނެވެ. އޭގެ އަނެއްކޮޅު ވެސް އެބައޮތެވެ. ވަކި ޕާޓީއަކަށް ތާއީދު ނުކުރާނަމަ އެމީހަކީ "ބާޣީ" އަކަށް ވެސް އެބަހަދަ އެވެ. އިހުތިރާމް ކުރުމަކީ ނެތް ކަމެކެވެ. ސަބަބަކީ ސިޔާސީ ގޮތުން ހައްދުފަހަނަ އެޅުމެވެ.
މިއަދު ރާއްޖޭގައި ބަލި ގަބޫލް ކުރުމަކީ ނެތް ކަމެކެވެ. ތިމާމެން ހިތް ނޭދޭ ގޮތަކަކަށް ކަންތައް ހިނގާފައިވާ ނަމަ އެކަންކަމުގެ ވާހަކަ ދެއްކުމަކީ ނެތް ކަމެއް ނޫނެވެ. ނަމަވެސް އެކަންކަން ކުރަން ޖެހޭނީ އިމެއްގެ ތެރެއިންނެވެ. މިގައުމުގައި ކަންތައް ވަނީ އެހެނެއް ނޫނެވެ. ފުރަތަމަ ވެސް ފަށަނީ ޒާތީކޮށްގެން އެތަނެއްގެ ވެރިއެއްގެ "ނަސަބުން" ނެވެ. ދެން ގޮވާނީ "ރަތްމަހަކަށް ނުގޮވާވަރަށް" އެބަޔަކާ ދިމާލަށް އެއްޗިސެވެ. މަސައްކަތް ކުރާނީ މުޅިން ވެސް އެބަޔެއްގެ އަގު ވައްޓާލުމަށެވެ. ކަމުގެ ހައްލު އޮތްތާ ބާއްވާފައި މަސައްކަތް ކުރަމުންދަނީ އަނެކާއަށް ފުރައްސާރަ ކުރުމަށެވެ. ރިޔާސީ އިންތިހާބަށް ފަހުވެސް އަދި އޭގެ ކުރިން ވެސް ގިނަ ކަންކަން ދަނީ މިބުނާ މަގުންނެވެ.
"އިންތިހާބަށް ފަހު މިހިނގާ ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ފަދަ ޚިޔާލުފާޅުކުރުންތަކާއި ހަރަކާތްތައް ހިނގަމުންދާކަން އަޅުގަނޑުމެން ފާހަގަކުރަމެވެ. ވުމާ އެކު ޤައުމީ މަސްލަހަތު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ،" އދ. ގެ އެހީތެރިކަމާ އެކު އުފައްދާފައިވާ ނެޝަނަލް ޕެނަލް ފޯ ހާމަނީ (ޕީ އެން އެޗް) އިން ބުންޏެވެ.
އެހެން މައްސަލައަކަށް ބަލާ އިރު ގައުމުގެ މުސްތަގުބަލަށް ވިސްނާ ނަމަ ކޮރަޕްޝަން ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ކޮރަޕްޝަން އޮތް ތަނެއް ކުރިނާރާނެތީ އެވެ. އަދި ގައުމަށް ލިބޭ މަދު ފައިސާ ކޮޅަކީ ސިޔާސީ ވެރިންގެ އެއް އަތުން އަނެއް އަތަށް ބަދަލު ކުރަން އޮތް އެއްޗަކަށް ވެއްޖެ ނަމަ ނިކަމެތި ރައްޔިތުން ވާނީ އިންތިހާ ނިކަމެއްޗެވެ. ގައުމު ވެއްޓޭނީ އަނދަވަޅަކަށެވެ. މިއަދު ސިޔާސީ ވެފައިވާ މިގައުމުގެ ހަގީގަތަކީ ކޮބާތޯއެވެ؟
ފާއިތުވި ދެ ސަރުކާރަށް ބަލާލާ އިރުވެސް ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ރައީސް މައުމޫންގެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށާއި ރައީސް ނަޝީދުގެ ކުރު ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށް ބެލުމުން ފެންނަނީ ދިވެހި ދައުލަތުގެ ފައިސާއިންނާއި މުދަލުން ނަހަމަގޮތުގައި ބޭނުން ކޮށްފައިވާތަނެވެ. ރައްޔިތުންނަށް ވުރެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ކަންތައްތައް އިސްކޮށްފައިވާ ތަނެވެ. އަދި އަދުގެ ސަރުކާރާއި ބެހޭ އެންމެ އޮޑިޓް ރިޕޯޓެއް ނުކުމެފައިވާއިރު އެވެސް ފެންނަނީ ވަރަށް ހުތުރުކޮށެވެ.
ދެން އިގްތިސާދީ ދާއިރާއަށް ބަލަމާތޯ އެވެ. ކޮންމެ ގައުމެއްގައި ވެސް އެގައުމެއްގެ އިގްތިސާދަކީ ގައުމުގެ މައި ބަދަޔެވެ. ރަނގަޅު އިގްތިސާދެއް ނެތިއްޔާ ފުދުންތެރި އަމާން ގައުމެއް ބިނައެއް ނުކުރެވޭނެ އެވެ. އެހެން ކަމުން އިގްތިސާދީ ކަންކަން ކުރުމުގައި ދުރު މުސްތަގުބަލަށް ވިސްނައި ގައުމައި އެކަށިގެންވާ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ހިތާމައާއެކު ކޮށްލެވޭ ސުވާލަކީ މިގައުމުގެ ހާލަތަކީ ކޮބައިތޯ އެވެ؟
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި އިގްތިސާދީ ގިލަންވެރިކަމުން ރާއްޖެ ސަލާމަތް ކުރެވޭނީ ދައުލަތުގެ ހަރަދު ކުޑަކޮށްގެނެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް ރާއްޖެ އަށް "އިކޮނަމިކް ސްޓެބިލިޓީ ޕްލޭނެއް (އިގުތިސާދީ ހަމަޖެހުމުގެ ޕްލޭނެއް)" ބޭނުންވާ ކަމަށް ގަވަރުނާ ވިދާޅުވި އެވެ.
މިއަދު ގައުމުގެ އިގްތިސާދީ ހާލަތަކީ އަނގަޔާއި އަތާ ދިމާނުވާ ހާލަތެކެވެ. ލިބޭ އާމުދަނީ އަށް ވުރެ ބޮޑު ހަރަދެއް ކޮންމެ މަހަކު ކުރަންޖެހެ އެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1364.1 މިލިއަން ރުފިޔާ އެވެ. އެހެން ވާން މެދުވެރިވި ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ސިޔާސީ ފައިދާ އަށް ރައްޔިތުންގެ މަޖިލީހާއި ކައުންސިލަރުންގެ މުސާރަތައް ފަދަ ހަރަދުތައް އިންތިހާ ދަރަޖައަށް ބޮޑުކުރުން ހިމެނެ އެވެ. އަދި ކޮބާތޯ އެވެ. ސިޔާސީ މަގާމްތައް އިތުރުކުރުމާއި ދުރު މުސްތަގުބަލަށް ނުވިސްނާ ސިޔާސީ އަވާގައި ޖެހި ކޮށްފައިވާ ކިތަންމެ ކަމެއް ހިމެނެ އެވެ.
މި ގައުމުގެ މުހިންމު ދާއިރާތައް ވަނީ ސިޔާސީ ފަރާތްތަކުގެ އިހުމާލާއެކު ދަށަން ދާން ފަށާފަ އެވެ. ސިޔާސީ އަމިއްލަ ފައިދާއަށް ގައުމަށް ކޮންމެ ފަދަ ގޮތެއްވެސް ނުހަދަފާނެކޭ މިއަދު ފެންނަ މަންޒަރުތަކުން ބުނެވޭކަށްނެތެވެ. އެއްވެސް ހަމަޖެހުމެއް ނެތެވެ. ގައުމާއި މެދު ޔަގީންކަމެއް ނެތެވެ. ބަޔެއްގެ އަމިއްލަ އެދުމާހެދި ގައުމު ވަނީ އަނދަވަޅެއްގެ ތެރޭގަ އެވެ.