އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ވިމް ކޫވަމަންސް އެ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް އިންޑިއާ ޓީމުގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ޕްރަދީޕް ބަނާރުޖީ ބުނެފި އެވެ.

މިދިޔަ ހަފްތާގައި ނޭޕާލްގައި ނިމިގެންދިޔަ އަށްވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ ޓީމުން ފެނިގެންދިޔަ މާޔޫސް ކުރުވަނިވި ފުޓްބޯޅައިގެ ސަބަބުން ޕްރަދީޕް ވަނީ ޓީމުގެ ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޕްރަދީޕް ބުނީ އިންޑިއާ ޓީމުން ސާފް ޗެމްޕިއަންޝީޕްގެ ގްރޫޕް ސްޓޭޖްގައި ފެނިގެން ދިޔައީ "ފޫހި ކުޅުމެއް" ކަމަށާއި، ކުޅުންތެރިން ކުރިހާވެސް ކަމަކީ އެއްވެސް އަމާޒެއް ނެތި ހިތައް އެރި ދިމާއަކަށް ބޯޅަ ޖެހުން ކަމަށެވެ.

"ކޫވަމަންސް އިންޑިއާ ޓީމަށް ކޯޗު ކޮށްދޭތާ މިވީ އަހަރެއްހާ ދުވަސް. ޓީމުން އޭނާއަށް ރަނގަޅު މުސާރައެއް ދޭ. އެހެން ކަމުން އޭނާ އަދާކުރާ ރޯލް އެބަޖެހޭ ތަޖުރިބާ ހުރި ޕެނަލް އަކުން ދިރާސާ ކުރަން،" އިންޑިއާ ޓީމުގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ބުންޏެވެ.

ޕްރަދީޕް ބުނީ ކޫވަމަންސް ޓީމާ ހަވާލުވި ފަހުން އެޓީމަށް ކުރިއެރުމެއް ނުލިބުނުތާ ޓީމުގެ ކުޅުން ދުވަހެއް ދުވަހަކަށް ގޯސްވެ ފަހަތަށް ގޮސްފައިވާ ކަމަށެވެ.

"އިންޑިއާގެ ފުޓްބޯލް ފެޑެރޭޝަނުން އައްޔަން ކޮށްފައި ހުރި ކޯޗަކާ ބެހޭގޮތުން އަހަރެން ހިޔާލު ފާޅުކުރުމުގެ ބޭނުމަކީ ކޮބާ؟ އެއީ އޭއައިއެފްއެފް އިން ބަލަންޖެހޭ ކަމެއް. ނޭޕާލް އިންޑިއާ ކޮޅަށް ގޯލެއް ޖެހުމުން އިންޑިއާ މެޗުން ބަލިވުމުގެ ކުރިން އަހަރެން އެ މެޗު ބެލުން ހުއްޓައިލިން. ޓީމުން ފެނިގެން ދިޔައީ ހިތްދަތި ކުރުވަނިވި ކުޅުމެއް،" ކޯޗަށާއި އިންޑިއާފެ ފުޓްބޯޅަ ފެޑެރޭޝަނަށް ފާޑުކިޔަމުން ޕްރަދީޕް ބުންޏެވެ.

"2005 ވަނަ އަހަރު އިންޑިއާ ޓީމުގެ ކޯޗު ކަމުގައި ސައީދު ނައީމުއްދީން، އަދި ކެޕްޓަން ކަމުގައި ބައިޗުން ބުޓިޔާ ހުރިއިރު ބައިކޮޅަށް އެންމެ ލަނޑެއް ވަނަ ނުދީ އަހަރެމެން މުބާރާތް ކާމިޔާބު ކުރިން،" ޕްރަދީޕް އިތުރަށް ބުންޏެވެ.

މިއަފަހަރުގެ ސާފްޗެމްޕިއަންޝިޕްގައި އިންޑިއާ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މުބާރާތް ކާމިޔާބު ކުރެވޭފަދަ ޖޯޝެއް ފެނިގެން ގޮސްފައި ނުވާތީ އެކަމާވެސް ޕްރަދީޕް ވަނީ ފާޑުކިޔާފަ އެވެ. އިންޑިއާ ޓީމް އެ މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެމެޗެވެ.

"ކުޅުންތެރިންގެ ފަރާތުންވެސް އެފަދަ ބޮޑު މެޗެއް ކުޅޭހިތުން ތިބި ކަމުގެ އެއްވެސް ސީރިއަސްކަމެއް ފެނިގެން ނުދޭ. އަހަރެމެން ކުޅުނުއިރު ވަރަށް ގަޔާވެގެން މެޗަށް ފުރިހަމައަށް ތައްޔާރުވެގެން ކުޅުނީ،" އުމުރުން 76 އަހަރުގެ ޕްރަދީޕް ބުންޏެވެ.

ޕްރަދީޕް ބަނާރުޖީ އިންޑިއާ ގައުމީޓީމަށް ޖުމުލަ 85 މެޗު ކުޅުނުއިރު އޭނާވަނީ 65 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.