ޤާހިރާ (ސެޕްޓެމްބަރ 16): މިސްރުގެ ދިމުޤްރާތީ ވެރިކަން ވައްޓާލި ޢަސްކަރީ އިންޤިލާބާ ދެކޮޅަށް އެގައުމުގެ އެތައް ސަރަހައްދެއްގައި އެތަށް ހާސްބަޔަކު މުޒާހަރާކޮށް އަޑު އުފުލަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

މިސްރުން ލިބޭ ޚަބަރުތައް ބުނާ ގޮތުން ޑިމޮކްރަސީ އަލުން ރުޖޫޢަކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދަނީ އިންޤިލާބާ އިދިކޮޅު އިއްތިހާދުންނެވެ. މިއިއްތިޙާދުގައި އިސް ދައުރެއް އަދާކުރަނީ މަޤާމުން ދުރުކޮށްފައިވާ ދިމުޤްރާތީ ރައީސް ޑރ. މުޙައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ވެސް އަދި އޭގެ ކުރީ ދުވަހު ވެސް ޤާހިރާގެ އެކި އަވަށްތަކާއި އިސްކަންދަރިއްޔާ އާއި ބަނީ ސުވައިފް އާއި މިންޔާއާއި ޝަރްޤިއްޔާ ގައިވަނީ އިންޤިލާބީ ލީޑަރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ އާއި އޭނާ ކޮންޓްރޯލްކުރާ މިސްރުގެ ވަގުތީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފަ އެވެ.

މުޒާހަރާކުރި މީހުން ގޮވާލާފައި ވަނީ މަޤާމުން ދުރުކުރުމަށް ފަހު ހައްޔަރުކޮށްފައިވާ ރައީސް ޑރ. މުޙައްމަދު މުރުސީ އަލުން ވެރިކަމަށް ރުޖޫޢަ ކުރުމަށެވެ. މީގެ އިތުރުން މުރުސީ އަށް ތާއީދުކުރާ އެތައް ލައްކަ ބަޔަކާ ދެކޮޅަށް ޤާހިރާގެ ރާބިއާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މިސްރުގެ ސަލާމަތީ ބާރުތަކުން މިދިޔަ މަހު ހިންގި ޤަތްލުއާންމާ ދެކޮޅަށް ވެސް މުޒާހަރާކުރި މީހުން އަޑުއުފުލާފައިވާ ކަމަށް ޚަބަރުލިބެ އެވެ. މިޤަތްލުއާންމުގައި 800 އެއްހާ މީހުން މަރާލައި އެތައް ހާސްބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ.

މިސްރުގެ ވަގުތީ ސަރުކާރުން، ރައީސް މުރުސީގެ އިޚްވާން ޖަމާއަތުގެ އިސްލީޑަރުންތައް ހައްޔަރުކޮށްފައިވާތީ އާއި މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރުން މަނާކޮށް މުޒާހަރާތަކަށް ނުކުންނަ ފަރާތްތައް ހައްޔަރު ކުރަމުންގެންދާތީ ޢަސްކަރީ އިންޤިލާބާ ދެކޮޅަށް މުޒާހަރާކުރި މީހުންގެ ޢަދަދު އެހާ ގިނަނޫން ކަމަށް ޚަބަރު ލިބެ އެވެ.

އަނެއްކޮޅުން މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތު ވަނީ މުރުސީގެ ވެރިކަން ވައްޓާލި ޢަސްކަރީ އިންޤިލާބާ ދެކޮޅަށް އަޑުއުފުލާ މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވާ 62 އެކްޓިވިސްޓެއްގެ މައްޗަށް މީހުން މެރުމަށް ރޭވުމާއި ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމާއި އާންމު ތަންތަނުގައ ހުޅުޖެހުމާއި ހަތިޔާރު ގެންގުޅުމާއި ސަރުކާރާ ދެކޮޅަށް ފިތުނަ އުފެއްދުމާއި އާންމު މަސްލަޙަތު ނަގާލުމާއި ދަތުރުފަތުރަށް ހުރަސްއެޅި ކަމުގެ ދައްވާ ޤާހިރާގެ ޖިނާއީ ކޯޓަށް އުފުލާފަ އެވެ.

މީގެއިތުރުން މަޤާމުން ދުރުކޮށްފައިވާ ރައީސް ޑރ. މުރުސީ އާއި އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ 40 އަށް ވުރެ ގިނަ ލީޑަރުންގެ މައްޗަށް ވެސް ވަނީ މީހުން މެރުމަށް ރޭވުމާއި ވަގުތީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި މުޖްތަމަޢުގައި ފިތުނަ އުފެއްދުމާއި އާންމު މަސްލަޙަތު ނަގާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ރަސްމީގޮތުން ކޮށްފަ އެވެ.

މިސްރުގެ ޝަރުޢީ ދާއިރާއަކީ މިނިވަން މުސްތަޤިއްލު ދާއިރާއަކަށް ނުވާތީ މިތުހުމަތުތައް އިޚްވާން ޖަމާޢަތުގެ ލީޑަރުންގެ މައްޗަށް ސާބިތުވެ ދިގުމުއްދަތަކަށް ޖަލަށްލުމުގެ ޙުކުމްތަކެއް އެބޭފުޅުންގެ މައްޗަށް އަންނާނެ ކަމަށްވަނީ ބެލެވިފަ އެވެ. މިކަމުގެ ބޭނުމަކީ އިޚްވާން ޖަމާއަތް ސިޔާސީގޮތުން ބަލިކޮށްލައި ޢަސްކަރީ އިންޤިލާބާ އިދިކޮޅު ހަރަކާތްތައް މުޅިން ހުއްޓުވާލުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޤިލާބާ އިދިކޮޅު ފަރާތްތަކާމެދު މިގޮތަށް ޢަމަލުކުރަމުން ގެންދާއިރު މުރުސީ އަށް ތާއީދުކުރާ އެތަށްލައްކަ ބަޔަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން މިދިޔަ މަހު ހިންގި ޤަތްލުއާންމުގައި ބައިވެރިވާ އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ތަޙްޤީޤެއް ހިންގާފައެއްނުވެ އެވެ. އަދި އެފަރާތްތަކާ ދެކޮޅަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް އެއްވެސް ތުހުމަތެއް ވެސް ކުރައްވާފައެއް ނުވެ އެވެ. އެ ޤަތްލުއާންމުގައި މުރުސީ އަށް ތާއީދުކުރާ 800 އެއްހާ މީހުން މަރާލައި އެތަށް ހާސްބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. މަރާލެވުނު މީހުންގެ ތެރޭގައި އިޚްވާން ޖަމާއަތުގެ ލިޑަރުންގެ ދަރިން ވެސް ހިމެނެ އެވެ. (އަލްޖަޒީރާ)