ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޔަކިމް ލޯ، 53. ގެ ކޮންޓްރެކް އާކޮށް އިތުރު ފުރުސަތެއް ދިނުން ހައްގު ކަމަށް ޖަރުމަނުގެ ކުރީގެ ވޯލްޑްކަޕް ތަރި ގުންޓާ ނެޓްޒާ ބުނެފި އެވެ.

ޖަރުމަނު ޓީމުން 1974 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި އުފުލައިލި އިރު އެޓީމަށް ކުޅުނު ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ބުނީ، ޖަރުމަނުގެ ފުޓްބޯޅަ މިފަހަކަށް އައިސް ކުރިއަރައި ތަރައްގީ ވުމުގައި ލޯގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އަދި ކުރިއަށް އޮތް ވޯލްޑް ކަޕަށް ޖަރުމަން ކޮލިފައިވުމުން ލޯއަށް އިތުރު ފުރުސަތެއް ދިނުން ވަރަށް މުހިއްމު ކަމަށެވެ.

"ވޭތުވެ ދިޔަ ދުވަސްތަކުގައި ލޯ ވަނީ އޭނާއަކީ މޮޅު ޓްރެއިނަރެއްކަން ސާބިތުކޮށްދީފައި. ޖަރުމަނުން ދުނިޔޭގެ ފުޓްބޯޅައިގައި އަދާކުރަމުން ގެންދާ މުހިންމު ދައުރުގެ ކްރެޑިޓް ލޯއަށް ހައްގު،" ނެޓްޒާ ބުންޏެވެ.

"2010 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތް އަހަރެމެންނަށް ކާމިޔާބު ނުކުރެވުނު ކަމުގައި ވީނަމަވެސް އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްގެން އަހަރެމެންވަނީ ދުނިޔޭގެ ލޯތަކުން ޖާގަ ހޯދާފައި. އެއިން ވެސް އެބަ ސާބިތު ކޮށްދޭ ލޯ އަކީ ގާބިލް ކޯޗެއްކަން. ހަމަ އެހެންމެ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ތެރޭގައިވެސް ޖަރުމަނު އެބަ ހިމެނޭ،" އުމުރުން 69 އަހަރުގެ ނެޓްޒާ ބުންޏެވެ.

ނެޓްޒާ އިތުރަށް ބުނެފައިވަނީ، ޖަރުމަނު ޓީމުގެ ޑިފެންޑަރު މެޓް ހުމެލްސްގެ ބަދަލުގައި ބަޔާން މިޔުނިކުގެ ފަހަތް ބަލަހައްޓަމުން ގެންދާ ޖެރޯމް ބޯޓޭންއަށްވެސް ފުރަތަމަ 11 އިން ގަވައިދުން ޖާގަ ދޭންޖެހޭ ކަމަށް މިހާރު ގަބޫލު ކުރާ ކަމަށެވެ.