ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން 2018ގެ ނިޔަލަށް އިތުރުކުރުމަށްފަހު މެންޗެސްޓާ ޔުނައިޓެޑަކީ މާޒީ ކަމަށާއި އަދި އޭނާގެ މުސްތަގުބަލަކީ ރެއާލް ކަމަށް ބުނެފި އެވެ.

ނިމިގެންދިޔަ ސަމާ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި އަންނަން އުޅޭ ކަމަށް އަޑު ފެތުރުނު ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ބުނީ، މެންޗެސްޓާ ޔުނައިޓެޑަކީ މާޒީ ކަމަށާއި އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުންވަނީ ރެއާލްގައި ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑަކީ އަހަރެންގެ މާޒީ. މިހާރު އަހަރެންގެ ވަޒަނަކީ ރެއާލް މެޑްރިޑް. އަހަރެންގެ އާއިލާވެސް އޮތީ މިތަނުގައި،" ރޮނާލްޑޯ ބުންޏެވެ. "މިއީ ބޮޑު ކްލަބެއް. އަހަރެން އުންމީދު ކުރަނީ ކުޅުން ހުއްޓާލަންދެން މި ކްލަބްގައި ދެމިހުރުމަށް."

ރެއާލްއާއެކު ރޮނާލްޑޯ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2015 ވަނަ އަހަރު އެވެ. ސްޕެއިންގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 80 މިލިޔަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑުން ރެއާލްއަށް ބަދަލުވި ޕޯޗުގީޒް ފޯވާޑަށް، ރެއާލްއާ އެކު އަލަށް ހެދި ކޮންޓްރެކްޓްގެ ދަށުން މުސާރައިގެ ގޮތުގައި ޓެކްސް އުނިކުރުމަށްފަހު، އަހަރަކު 14.25 މިލިޔަން ޕައުންޑް ލިބޭނެ އެވެ. އެހެން ކަމުން އޭނާ ވެގެންދާނީ އަދިވެސް ދުނިޔޭގެ އެންމެ ބޮޑު މުސާރަލިބޭ ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑާ ގުޅުނު ފަހުން އެޓީމަށް 203 މެޗު ކުޅެފައިވާއިރު ރޮނާލްޑޯ ވަނީ ރެއާލް އަށް 203 ލަނޑު ވެސް ކާމިޔާބު ކޮށްދީފަ އެވެ.

ރޮނާލްޑޯ ގެނައުމަށް ރެއާލްއިން ހަރަދުކުރި ދުނިޔޭގެ ރެކޯޑްފީ މުގުރާލުމަށްފަހު ނިމިގެންދިޔަ ޓްރާންފާގައި އެޓީމުން ވަނީ ޓޮޓެންހަމްގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް 85.3 މިލިޔަން ޕައުންޑަށް އެޓީމަށް ގެނެސްފަ އެވެ. ބޭލް ގެންނަން އުޅުނު އިރު ރޮނާލްޑޯ ވަނީ، ޔުނައިޓެޑްގެ އިތުރުން ކުޅުންތެރިން ހޯދުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުން ގެންދިޔަ ފްރާންސްގެ މޮނާކޯއާ ގުޅުމަށްވެސް ވާހަކަ ދައްކާފަ އެވެ.

"އަހަރެން ހޯދަން މަސައްކަތްކުރާ ހުރިހާ ކްލަބަކަށްވެސް އަހަރެން އިހްތިރާމް ކުރަން،" ރޮނާލްޑޯ ބުންޏެވެ. "އެކަމަކު އެންމެނަށްވެސް އެނގޭނެ އަހަރެންގެ ނިންމުން އަދި ހަމައެކަނި އަމާޒަކީ އަހަރެންގެ ކެރިއަރު ނިމެންދެން މި ކްލަބަށް ކުޅުން."

ރޮނާލްޑޯގެ ކޮންޓްރެކްޓް މުއްދަތު އިތުރު ކުރުމަށްފަހު ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓް ޕެރޭޒް ބުނީ، ނުވަފަހަރު ޔޫރަޕްގެ ޗެމްޕިއަން ކަން ހޯދާފައިވާ ކްލަބަށް "މިއީ ބޮޑު ދުވަހެއް" ކަމަށެވެ.

"މެޑްރިޑްގެ ހުރިހާ ސަޕޯޓަރުންގެ އުންމީދުތައް އަހަރެމެން ހަގީގަތަކަށް ހަދައިދީފިން،" ޕެރޭޒް ބުންޏެވެ. "ކްރިސްޓިއާނީ ރޮނާލްޑޯއާއި ރެއާލް މެޑްރިޑްގެ ގުޅުން ތާއަބަދަށް ދެމިގެންދާނެ."