ސިންގަޕޫރުން: އަބްދުﷲ ޖަމީލު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރި' ކުރި ކަމަށް ތުހުމަތުކޮށް އެސްޓީއޯ މޯލްޑިވްސް ސިންގަޕޯއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އާއި އިތުރު ނުވަ ފަރާތެއްގެ މައްޗަށް ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ލިޔުން ލީކުވެއްޖެ އެވެ.

ސަން އަށް ލިބިފައިވާ ޑޮކިއުމަންޓްގައިވާ ގޮތުން ސިންގަޕޫރުގެ ހައިކޯޓަށް 2011 ވަނަ އަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހު، އެސްޓީއޯ މޯލްޑިވްސް އިން ހުށަހެޅި މައްސަލާގައި ދައުވާ ކޮށްފައި ވަނީ، މޯކޮމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއި މޯކޮމް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް، އެސްޓީއޯގެ ކުރީގެ ޗެއާމަން ޔާމީން އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެން މަނިކުގެ މައްޗަށެވެ. އޭގެ އިތުރުން އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރުގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުނީޒް އާއި އެސްޓީއޯގެ ބޯޑު މެންބަރު އަދި ފައިނޭންޝަލް ކޮންޓްރޯލަރު ސަނާ މަންސޫރާއި ފާތިމަތު އާޝާން، ޖެމީލް ޖަމާލް އަދި މެލޭޝިޔާގެ ދެ ރައްޔިތުން ކަމަށްވާ ކަމާލް ބިން ރާޝިދާއި ރާޖާ އަބްދުއްރާޝިދު ބިން ރާޖާގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ.

ޖެމީލް ޖަމާލަކީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރުގެ މުވައްޒަފެކެ އެވެ. އޭގެ އިތުރުން ދެންތިބި މީހުންނަކީ، މޯކޮމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއި މޯކޮމް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންނެވެ.

ސިންގަޕޫރުގެ ރާޖާ އެންޑް ޓާން މެދުވެރިކޮށް، އެސްޓީއޯ އިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު، އަނބުރާ ގެނެސްފަ އެވެ. އެ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށަހެޅި ކަމެއް މިހާތަނަށް އެއްވެސް ފަރާތަކުން ބުނެފައެއްނުވެ އެވެ.

ސަންއާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ، ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރައި ގެނެސްފައި ވަނީ، އެކަށީގެންވާ ހެކި ނެތުމުން މައްސަލަ ކާމިޔާބު ވެދާނެ ކަމަށް ނުބެލެވޭތީ ކަމަށެވެ.

"ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައި ވަނީ، މައްސަލަ ކާމިޔާބު ވާވަރަށް ހެކި ނެތުމުން އެމައްސަލަ ކާމިޔާބު ނުވެދާނެތީ. އެ މައްސަލައިގައި ދައުވާ ކޮށްފައި އެވަނީ، ގްރާން ތޯންޓަނުން ހޯދި ހޯދުންތަކަށް ބިނާކޮށް އެކަނި،" އެ އޮފިޝަލް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ގްރާން ތޯންޓަނުން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓުގައި އެއްވެސް ސޮއެއް ތައްގަނޑެއް ވެސް ނެތެވެ. ބޮޑަށް ބެލެވެނީ އެއީ މުޅިން ނުނިމި އޮތް ޑްރާފްޓް ރިޕޯޓެއް ކަމަށެވެ.

އިންޑިއާގެ ނޫހަކުން 2011 ވަނަ އަހަރުގެ އޯގަސްޓް މަހު ފެންމަތި ކުރި މައްސަލައަކީ، ޔާމީން އެސްޓީއޯގެ ޗެއާމަން ކަމުގައި ހުންނެވި ދުވަސްވަރު، ރާއްޖެ އަށް ހެޔޮއަގުގައި ލިބޭ ތެޔޮ، ބަރުމާޔަށް ބޮޑު އަގުގައި ވިއްކައިގެން ރައީސް މައުމޫނާއި ޔާމީން 800 މިލިޔަން ޑޮލަރު ހޯއްދެވި ކަމަށް ތުހުމަތުކުރާ މައްސަލައެކެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުކުރި ގްރާންޓް ތޯންޓަން އަށް ސަރުކާރުން 10 މިލިޔަން ޑޮލަރު ފީގެ ގޮތުގައި ދީފައިވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގްރާންޓް ތޯންޓަން އަށް އެ މަސައްކަތް ހަވާލުކުރި ކަމުގެ ލިޔެކިޔުންތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ފެންނާކަށް ނެތެވެ. އެ މައްސަލަ އޮޑިޓާ ޖެނެރަލް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ޔާމީން ކުރިން ވިދާޅުވެފައި ވަނީ، ސިންގަޕޫރުގައި ކޮށްފައިވާ ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށާއި، 800 މިލިޔަން ޑޮލަރަށް ވާވަރަށް ތިލަފަތުގެ އެއްކޮޅަށް ޑޮކިއުމަންޓް އެރުވިޔަސް އޭނާގެ މައްޗަށް ތުހުމަތުކުރާ ތެލުގެ "ވަގު ވިޔަފާރީގެ" މައްސަލަ ސާބިތު ނުކުރެވޭނެ ކަމަށެވެ.