16 Sep 2013, 08:48
އިލެކްޝަންސް ކޮމިޝަނުން ރޭ ދަންވަރު އުކާލަން އުޅުނު ކުނިތަކެއްގެ ތެރޭގައި ރިޔާސީ އިންތިހާބާ ގުޅޭ ލިޔެކިއުންތަކެއް ހުރެގެން، އެ އެއްޗެހި ފުލުހުން ހިފަހައްޓައި، އެ ސަރަހައްދު ބަންދުކޮށްފި އެވެ.
އިލެކްޝަންސުން އެ އެއްޗެހި އުކާލަން އުޅުމުން ރޭ ފަތިހު އެ ސަރަހައްދު ފުލުހުން ބަންދު ކުރީ އިންތިހާބާ ގުޅޭ ލިޔެކިއުންތަކެއް ނައްތާލަން އުޅޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ. ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔަ އިރު، ކޮތަޅުތަކެއްގައި ބަންދުކޮށްފައި ހުރި ކުނިތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީ ރަޖިސްޓްރީ ކުރުމަށް ފުރާފައިވާ ފޯމަކާއި ފުރަތަމަ ބުރުގައި ވޯޓު ފޮށިތަކުގެ އޮފިޝަލުން ބޭނުން ކުރި ލިޔުންތަކެއް ވެސް ކޮނިތަކުގެ ތެރޭގައި ހުއްޓެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ތަކެތި ނައްތާލުމަށް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ޑަސްޓްޕިން ބޭގުތަކެއްގައި ނެރެފައި ވަނީ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ފަތިހު 4:12 ގަ އެވެ.
ފަތިހުގެ ވަގުތުތަކުގައި އެތަކެތި އުކާލުމަށް ނެރުނީ ކީއްވެތޯ ދެންނެވުމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ފަތިހުގެ ވަގުތެއްގައި އެ ކުނިތައް ނައްތާލަން އުޅެނިކޮށް، އެ އެއްޗެހި ބެލުމަށް ފުލުހުން އެދުނު ކަމަށާއި ފުލުހުންނަށް އެ ފުރުސަތު ދީފައިވާނެ ކަމަށެވެ.
އާސިމް ވިދާޅުވީ އިންތިހާބާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާނުލާނެ ކަމަށާއި "ބޭނުންވާ މުއްދަތަކަށް ބޭނުންވާ އެއްޗެއް ބަހައްޓާފައި ހުންނާނެ" ކަމަށެވެ. އަދި ދެ ވަނަ ބުރަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ އެއްވެސް ފޯމެއް ނައްތާ ނުލާނެ ކަމަށާއި މީހަކު އިލެކްޝަންސް އަށް ހުށަހަޅާފައިވާ "ފޯމެއް ކަމުގައިވާ ނަމަ އެ ފޯމެއް އޮންނާނެ" ކަމަށް އާސިމް ވިދާޅުވި އެވެ.
"އިންތިހާބާ ގުޅޭ ލިޔެކިޔުންތަކެއް އަޅުގަނޑުމެން ނައްތައެއް ނުލާނަން ބޭނުންވާ މުއްދަތަކަށް އެ އެއްޗެއް ބަހައްޓާފައި ހުންނާނީ. އެ މީހަކު ހުށަހެޅި ފޯމެއް ކަމުގައިވާ ނަމަ އެ ފޯމެއް އޮންނާނެ،" އާސިމް ވިދާޅުވި އެވެ.
އިންތިހާބާ ގުޅުން ހުރި ކަމަށް ބުނާ ލިޔުންތައް ނައްތާލުމަށް އިލެކްޝަންސް ކޮމިޝަނުން ނެރުނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އާސިމް ވިދާޅުވީ އިލެކްޝަންސްއަކީ މިހާރު 24 ގަޑި އިރު މަސައްކަތް ކުރަމުންދާ ތަނެއް ކަމަށާއި ވަކި ވަގުތަކަށް ބަލައިގެން "ކުނި އުކާ ނުލާނެ" ކަމަށެވެ.
"އަޅުގަނޑުމެން ރޭގައި ވެސް މަސައްކަތް ކުރިން ބަންދުނުކޮށް. ކޮންމެހެން ދަންވަރު އެކަން ކުރާކަށެއް ނޫން އެކަން ކުރީކީ. ގިނަ ރޭ ރޭ 24 ގަޑިއިރު އަޅުގަނޑުމެން މިތާންގައި މަސައްކަތް ކުރަން،" އާސިމް ވިދާޅުވި އެވެ.