ބޮޑެތި އާބާދީތައް ގާއިމު ކުރުމަށް ޓަކައި އެމްޑީޕީ ސަރުކާރެއްގައި ރާއްޖޭގެ އެކި ސަރަހައްދުގައި 15 ބްރިޖެއް އަޅުއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ އާބާދީ ބޮޑެތި ރަށްތަކެއް ގާއިމުކުރެވިއްޖެ ނަމަ ކުދި އަބާދީގެ ރަށްތަކަށް އޭގެން ވަރަށް ބޮޑު ފައިދާ ކުރާނެ ކަމަށެވެ.

"ބޮޑެތި އާބާދީތަކެއް ރާއްޖޭގައި ގާއިމުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ކުދި އާބާދީތަކަށް ވެސް އޭގެ ފައިދާ ކުރާނެ. އެހެންވީމާ ބައެއް ރަށްރަށް ގުޅާލުމުގެ މަޝްރޫއެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި ހިންގާނެ. އެފަދަ 15 ބްރިޖު އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ އެކި އެކި ސަރަހައްދުގައި އަޅުގަނޑުމެންގެ ފަސް އަހަރު ތެރޭގައި ބިނާކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ ބްރިޖު އަޅުއްވާނެ ރަށްތަކެއް ނަޝީދު ވިދާޅެއް ނުވެ އެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ތަޖުރިބާކާރުން އެމްޑީޕީ އަށް ތާއީދު ކުރަން ނިންމަވާފައިވާ ކަމަށާއި އަދި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަރަށް އަވަހަށް އެ ޕާޓީއާ ގުޅޭނެ ކަމަށެވެ.

"އަޅުގަނޑުހިތުން އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް ދާދި އަވަހަށް އަޅުގަނޑުމެންނާ ބާއިތުހިފާނެ، އަޅުގަނޑުމެންނާ ގުޅޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އާބާދީގައި ވަޒީފާ އަދާކުރާ ގިނަ މީހުންނަށް ރަނގަޅު އާމްދަނީއެއް ނުލިބޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ ކުޑަ އުޖޫރައެއް ގޮތުގައި ކޮންމެ މީހަކަށް ވެސް މަހަކު 4500 ރުފިޔާ ދޭނެ ކަމަށެވެ.