ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި، ޑީއާރުޕީގެ ކައުންސިލް މެންބަރު، އަލީ ޝަރީފު މުހައްމަދު މަގާމުން ވަކިކުރައްވާފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.

މިއަދު ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވީ އަލީ ޝަރީފު މަގާމުން ވަކިކުރެއްވީ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކުގައި އުޅުއްވާ ނަމަ މަގާމުން ވަކިކުރައްވާނެ ކަމަށް އިންޒާރު ދެއްވުމަށް ފަހު މިއަދު މެސެޖަކުން ކަމަށެވެ.

ކާނަލް ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުގައި އެކި ޕާޓީތަކުގެ ބޭފުޅުން އެކި ރިޔާސީ ކެންޑިޑޭޓުންނަށް މިނިވަންކަންމަތީގައި މަސައްކަތް ކުރައްވަމުން އެބަގެންދަވާ ކަމަށާއި ނަމަވެސް ސިޔާސީ ކަމެއްގައި ބައިވެރިވެގެން މެންބަރަކު ވަކި ކުރެއްވުމަކީ ޑިމޮކްރަސީގައި ހޯދާފައިވާ ކާމިޔާބީގައި ފަހަތަށް ޖެހުމެއް ކަމަށެވެ.

ކާނަލް ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމުގައި ބާކީ އޮތް ކުޑަކުޑަ ދުވަސްކޮޅުގައި އިންތައް ފަހަނައަޅައި ވަޑައިނުގަތުމަށް ގޮވާލައްވާ ކަމަށެވެ.

އަލީ ޝަރީފު މަގާމުން ވަކިކޮށްފައިވާ އިރު ޑީއާރުޕީގެ މެންބަރު އަދި ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުކުރައްވާފައި ހުންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދުގެ އަތްޕުޅުން ވަނީ އެމިނިސްޓްރީ ވަކިކޮށްފަ އެވެ.

އަލީ ޝަރީފު މަގާމުން ވަކި ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.