ހަވަޒީރުންގެ މަޖިލީހަށް ރައީސުލްޖުހޫރިއްޔާ މުހަންމަދު ނަޝީދު އައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި ވަޒީރުންގެ ތެރެއިން ފަސް ބޭފުޅަކު ފިޔަވައި ދެން ތިއްބެވި އަނެއް ހަތް ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.


 ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ތާއީދު އޮތް ކަމަށް ނިންމެވީ، އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އާއި ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމާއި އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ އާޢި ހެލްތު މިނިސްޓަރު އާމިނަތު ޖަމީލާއި ޔޫތު މިނިސްޓަރު ހަސަން ލަތީފުގެ ނަމަށެވެ.


ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވީ، ހަތް ވަޒީރަކަށެވެ. އެއީ، އެޓާނީޖެނެރަލް ޑރ. އަހްމަދު އަލީ ސަވާދާއި ފިޝަރީޒު މިނިސްޓަރު ޑރ. އިބުރާހިމް ދީދީ އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ފައިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އަދި ހޯމް މިނިސްޓަރު މުހަންމަދު ޝިހާބެވެ.  


އެމްޑީޕީ މެންބަރުން ނުކުމެވަޑައިގަތުމަށް ފަހު 42 މެންބަރުންނާ އެކު ކުރިއަށް ދިޔަ ޖަލްސާގައި ސަވާދު އެޓާނީ ޖެނެރަލް ކަމުގައި ހުންނެވުމަށް ތާއީދު ކުރެއްވީ ތިން ބޭފުޅުންނެވެ. އަދި ފިޝަރީޒު މިނިސްޓަރު ޑރ. އިބްރާހީމް ދީދީ ހުންނެވުމަށް ތިން ވޯޓު، އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އަށް ތިން ވޯޓް، ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ހަތަރު ވޯޓު، ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް، ހަތަރު ވޯޓު، ފައިނޭންސް މިނިސްޓަރު އަލީ ހާޝިމަށް ތިން ވޯޓު، އަދި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބަށް ދެ ވޯޓެވެ.


 


އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އަށް މަޖިލީހުގެ ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއް ވީ އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 37 މެންބަރުންނެވެ. ނުފެންނަ ކަމަށް 2 މެންބަރުން ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ނުއްވައި އެއް މެންބަރަކު އިންނެވި އެވެ. އަދި ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވީ 42 މެންބަރުންގެ ތެރެއިން 32 މެންބަރުންނެވެ. އޭނާ އަށް ރުހުންދޭން ނުފެންނަ ކަމަށް 7 މެންބަރުން ވޯޓު ދެއްވިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވައި މެންބަރަކު އިންނެވި އެވެ. އަދި އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ، 18 މެންބަރުންނެވެ. ރުހުންދޭން ނުފެންނަ ކަމަށް 15 ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވައި 6 މެންބަރުން ޖަލްސާގައި ތިއްބެވި އެވެ. މީގެ އިތުރުން ހެލްތު މިނިސްޓަރު އާމިނަތު ޖަމީލަށް 28 މެންބަރުން ރުހޭ ކަމަށް ވޯޓު ދެއްވާފައިވާއިރު ރުހުންދޭން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ފަސް މެންބަރުން ތިއްބެވި އެވެ.   ޔޫތު މިނިސްޓަރު ހަސަން ލަތީފަށް ރުހުންދޭން ފެންނަ ކަމަށް 42 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓު ދެއްވާފައިވާ އިރު 11 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވެ އެވެ.  އަދި ވަކި ކޮޅަކަށް ނުޖެހި 3 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން ވޯޓަށް އައްސަވާފައި ވަނީ، މި މައްސަލައިގައި ހިޔާލު ތަފާތުވެފައިވާ އެމްޑީޕީންނާއި ޑީއާރުޕީން މި މައްސަލައިގައި ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ ތެރެއިން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމަން ޖެހޭނީ މަޖިލީހުގައި ވަކިވަކިން ވޯޓަށް އައްސަވައިގެން ކަމަށް، ޑީއާރުޕީން ހުށަހަޅާގައިވާ ހުށަހެޅުން ފާސްވުމުންނެވެ. ޑީއާރުޕީގެ ހުށަހެޅުމަށް ވޯޓަށް އެއްސެވީ، ވޯޓަށް އަހާ ވަގުތު ޖެހުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕު ޖަލްސާއިން ނިކުންނަވައި، އަދި އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުން އަނބުރާ ގެންދިއުމުންނެވެ.


ޖަލްސާ ދޫކުރައްވައި ނިކުންނެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، އެ މައްސަލަ އެޖެންޑާކޮށްގެން މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ވަނީ، މި ކަމަކީ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް އެފަރާތުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް ކަމަށެވެ. އަދި އެ މައްސަލަ ގެންދަން ޖެހޭނީ ކޮމިޓީއަކަށް ކަމަށާއި މަޖިލީހުގައި ވޯޓަށް އަހައިގެން އެކަން ނިންމުމަށް ގާނޫނު އަސާސީގައި ނޯންނާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެހެންކަމުން މި ވޯޓުގައި ބައިވެރި ނުވުމުގެ ގޮތުންނާއި، މަޖިލީހުގެ ރައީސް ބޭނުންފުޅު ވާގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ހުރަހަކަށް ނުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕު އެއްކޮށް ޖަލްސާއިން ނިކުންނަވަން ނިންމެވީ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


މޫސަގެ ވާހަކައަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ގެނައީ ކޮމިޓީން ވެސް އެކަމާ މެދު ގޮތެއްނުނިގެން ފޮނުވުމުން ކަމަށެވެ. އަދި މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންނަވާފައި ވަނީ އެކަމަށް މަޖިލީހުން ގޮތެއް ނިންމެވުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.