19:00


ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ދިގު 30 އަހަރުގެ ވެރިކަމުގައި ހިންގަވައިފައިވާ ކަންކަން ބަލައި އެ ކަންކަމަށް ނިމުމެއް ގެނައުމަށްޓަކައި "ޓުރުތް އެންޑް ރިކޮންސިލޭޝަން ކޯޓެއް" އުފައްދަންޖެހޭ ކަމަށް، ސްޓޭޓް މިނިސްޓަރު މޮނާޒާ މުހައްމަދު ނައީމުގެ ނެޝަނަލް ކޮންގްރެސް ޕާޓީން ބުނެފި އެވެ.


ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމްކޮށްގެން ސިޔާސީ ޕާޓީތަކާއެކު މިހާރު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގައި ނެޝެނަލް ކޮންގްރެސް ނުވަތަ އެމްއެންސީއާ އެކު ބޭއްވި ބައްދަލުވުމަށްފަހު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެއްދުންތެރި ފާޑުކިޔުމާއި ޒިންމާދާރު ގޮތުގައި ހައްގަށް ވަކާލާތު ކުރުމުގެ ސަގާފަތެއް ގާއިމްކުރުމުގެ ބަދަލުގައި، ގޮތް ދޫނުކުރުމާއި ޖަދަލުކުރުމާއި ހަސަދަވެރިކަމުގެ ރޫހެއްގައި ކަންތައް ކުރަމުން ދިއުމުގެ ނަތީޖާއެއް ގޮތުން ހަގީގީ ޑިމޮކްރެސީ ވެއްޓެއްގައި އެއްބަޔަކު އަނެއް ބަޔަކަށް އޮންނަންޖެހޭ އިތުބާރު ކުޑަވެފައިވާ ކަމަށެވެ. އަދި އެކަންކަމާ މެދު އެ ޕާޓީން ވެސް ކަންބޮޑުވާކަން ފާހަގަކޮށް މިކަންކަން ހައްލު ކުރުމަށް އެންމެ މުހިންމު އަދި މިހާތަނަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅު ނާޅާ ކަންކަން ކުރަމުންދާތަން ފެންނަ ވާހަކަ ދަންނަވާފައިވާ ކަމަށް ވެސް ، މިހާތަނަށް މާ ބޮޑު ހަރަކާތެއް ނުހިންގާ އޮންނަ ނެޝެނަލް ކޮންގްރެސް ޕާޓީން ބުނެ އެވެ.


ނެޝެނަލް ކޮންގްރެސްގެ ނައިބު ރައީސް އަލީ އަމްޖަދު މިއަދު ވިދާޅުވީ މި ކަމުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ޒާތީ ގޮތުން ދިމާކޮށް، އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ، ބޮޑު ދެ ޕާޓީގެ ދެމެދު ފިތުނަވެރިކަމާއެކު ހިންގޭ މުއާމަލާތްތަކުގެ ނިމުމެއް ގެނައުމަށްޓަކައި، ކުށް ކުރި ބަޔަކަށް އަދަބު ދެވި ނުވަތަ މާފުދިނުމާއެކު މި ގައުމުގެ ހައްގުގައި މާޒީގެ ބޮޑެތި މައްސަލަތަކަށް ހައްލެއް އައިސް އަނިޔާ ލިބުނު ފަރާތްތަކަށް ފިނިކަމެއް ލިބެންޖެހޭ ކަމުގައި އެ ޕާޓީން ދެކޭތީ މި ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން އިސް ދައުރެއް އަދާކުރެވިދާނެ ކަމުގައި ދެކޭ ކަމަށެވެ. އަދި ޑިމޮކްރަސީއަކަށް ރާއްޖެ ބަދަލުވެގެން އައިއިރު ވެރިކަމުގައި ހިނގާފައިވާ ކަންކަން ބަލައި އެކަންކަމަށް ނިމުމެއް ގެނައުމަށްޓަކައި "ޓުރުތް އެންޑް ރިކޮންސިލޭޝަން ކޯޓެއް" އުފައްދަންޖެހޭ ކަމަށް ވެސް އަމްޖަދު ވިދާޅުވި އެވެ.


އެމްއެންސީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެޗްއާރުސީއެމްއިން ބައްދަލުވުންތައް ބާއްވައި، ރާއްޖެއަށް ޑިމޮކްރެސީ އަށައިގަނުވައި، އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރި ކޮށްދިނުމަށް ކުރާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ފިއްތުމަކަށް ނުބަލައި ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.