އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގުގެ އަނބިކަނބަލުންނަށް ސިޔާސީ ހަރަކާތްތަކުގައި ނޫޅެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ ފުވާދުގެ އަނބިކަނބަލުންނަކީ ދައުލަތުގެ ފަރާތުން ހެލްތު އިންޝުއަރެންސާއި އެހެނިހެން ޚާއްސަ އިނާޔަތްތަކެއް ފޯރުކޮށްދީފައިވާ ބޭކަނބަލެއް ކަމަށާއި އެހެންކަމުން އެކަމަނާ އަށް މުޒާހަރާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހެލްތު އިންޝުއަރެންސް ފޯރުކޮށްދެނީ ބޭސްފަރުވާ އާއި އެނޫން ވެސް ބޭނުންވާ ޒަރޫރީ ބޭނުންތައް. އެކަމަނާ އަށް ޚާއްސަ އިނާޔަތްތަކެއް ވެސް އޮންނާނެ ކަނޑައަޅާފައި އެއީ ޝަރަފާއި އިއްޒަތުގައި އުޅުމަށްޓަކައި ސިޔާސީ ކަންކަމުން ދުރުހެލިވެ އުޅުމަށްޓަކައި ވަނީ ކަނޑައަޅާފައި،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ އަނބިކަނބަލުންނަކީ މިނިވަން މީހެއް ކަމަށާއި އެހެންކަމުން އެކަމަނާ އަށް ސިޔާސީ ޕާޓީތަކުގައި އުޅުމުގެ ހައްގު ލިބިގެންވާ ކަމަށް ފުވާދު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުން އިނާޔަތް ލިބޭ މީހަކަށް ސިޔާސީ ޕާޓީތަކުގައި ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެއީ ދައްކާ ތާކުން ތާކުން ނުޖެހޭ ވާހަކައެއް. ފުވާދު ތައުފީގުގެ އަނބިކަނބަލުން ނަކަށް ނުދެވޭނެ މުޒާހަރާ އަކަށް. ސިޔާސީ ހަރަކާތްތަކުގައި ނޫޅެވޭނެ،" އިލްހާމް ވިދާޅުވި އެވެ.

ބޭސްފަރުވާގެ އިތުރުން ފުވާދުގެ އަނބިކަނބަލުންނަކީ ދައުލަތުގެ ފަރާތުން ބޮޑީގާޑުން ހަމަޖައްސަވާފައިވާ ބޭކަނބަލެއް ކަމަށާއި އެކަމަނާ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

ފުވާދުގެ އަނބިކަނބަލުން އެމްޑީޕީގެ މުޒާހަރާތަކާއި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޕީޕީއެމުން ވެސް ވަނީ ބުނެފަ އެވެ.